ޚަބަރު

ތިމަރަފުށި މަގެއް ކޮންނަނިކޮށް މިނި ކަށިތަކެއް ފެނިއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ތިމަރަފުށި މަގެއް ކޮންނަނިކޮށް ފެނުނު މިނި ކަށިތައް/ ފޮޓޯ: އަހުމަދު އިނާދު

ތ. ތިމަރަފުށީގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މަގެއް ކޮންނަމުން ދަނިކޮށް މިނި ކަށިތަކެއް ފެނިއްޖެ އެވެ.

Ads by STELCO

ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިން ޓީޗަރު އަހުމަދު އިނާދު ފޭސްބުކްގައި، ފެނުނު ކަށިތަކުގެ ފޮޓޯތަކެއް ޕޯސްޓްކުރި އެވެ.

އޭނާ ލިޔެފައިވާ ގޮތުން، އެ ކަށިތައް ފެނުނީ އެ ރަށު ޒުވާނުންގެ މަރުކަޒު އުތުރު ކަންމަތިން ބޮޑު މަގުގައި މިއަދު މަސައްކަތް ކުރުމަށް ޓަކައި ކޮނުމުގެ ތެރެއިންނެވެ.

"މި ކަށިތައް ފެނިފައިވަނީ މިހާރުގެ ގަބުރުސްތާނުގެ ފުޅަށް ފާރުގެ ވެސް މާ ބޭރުން ކަން ފާހަގަ ކުރެވެ އެވެ." އިނާދު ލިޔެފައިވެ އެވެ.

ރަށުގެ ތާރީހީ ބައެއް ވާހަކަތަކަށް ހަވާލާދީ އޭނާ ލިޔެފައިވާ ގޮތުން، އެ ސަރަހައްދަކީ 20 ވަނަ ގަރުނުގެ ތެރޭގައި ގައިން ގަޔަށް އާރާ އެކި ބަލިތަކުގައި ނިޔާވި އެ ރަށު މީހުން ވަޅި ލުމަށް ބޭނުން ކުރި ސަހަރައްދެކެވެ. އަދި އެއީ އެ ސަރަހައްދުގައި މީހުން އާބާދުވުމުގެ ކުރިން ކަމަށެވެ.

ތިމަރަފުށި ކައުންސިލްގެ ރައީސް އިސްމާއީލް އިބްރާހިމް "ދެން" އަށް ވިދާޅުވީ އެ ކަށިތައް ފެނުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެއީ ޖަންގްޝަން މެނޭޖުކުރަން ވެގެން ޕަމްޕުތަކެއް ބަހައްޓާފައި ހުރި ސަރަހައްދެއް ކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

ރަށުން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު 11:00 ޖަހާއިރު އެ ކަށިތައް ވަނީ ވަޅުލައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!