މަޖީދިއްޔާ ސަރަހައްދުގެ ކަރަންޓް ކޭބަލް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މާލޭ މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިޔަ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކޭބަލް ވަގަށް ނެގުމުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުވެސް ކެނޑުނެވެ. އެ މައްސަލައިގެ އަޕްޑޭޓް ހިއްސާކުރަމުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ކަރަންޓު ކޭބަލް ވަގަށް ނެގި މައްސަލާގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ވަގަށް ކަރަންޓު ކޭބަލް ނަގާ މައްސަލާގައި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ އެއީ އެކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާއޮތް ކަމަކަށް ވާއިރު، އަދި އޭގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ހިދުމަތުން މަހުރޫމްވާ ކަމަށެވެ.
އެކަން ކުރާ ފަރާތްތަކަށް ހިތްވަރަކަށް ވާގޮތަށް، ވަގަށް ނަގާފައިވާ އެފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އެޅުމަށް ފަހުމީ ވަނީ އެދިވަޑައިގެންފަ އެވެ.