މަޖިލީސް މެމްބަރުންގެ އަދަދު 77 އަށް މަދުކުރަނީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށް މަދުކުރަން ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
"އަދި ހަމައެއާއެކީގައި އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސައިޒުވެސް އެބަޖެހޭ ހަމަޔަކަށް އަޅުވަން." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން އާބާދީއާއި އެކު މެމްބަރުން އިތުރުވަމުންދާނެ ކަމަށާއި އެއީ "މާނައެއް ހުރި ކަަމެއް ނޫން" ކަމަށެވެ. އެމަަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ 17 ވަނަ މަޖިލީހުގައި މެމްބަރުން ތިއްބެވި އަދަދަށް މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ އަދަދު ހިފެހެއްޓުމެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ކުޑަކުރަން ވިސްނާއިރުގައި ވެސް މާ ކުޑަކޮށްލީމަވެސް އެއީ ރަނގަޅު ގޮތަކަށް ނުވާނެ. އެންމެ ރަނގަޅު ގޮތަކަށްވާނީ 17 ވަނަ މަޖިލީސްގައި އަދަދު އޮތް ވަރު، އެއީ 77 މެމްބަަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އަދަދު ލިމިޓުކޮށް ހަމަޖެއްސުން." ރައީސް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި ބުނާގޮތުން ކޮންމެ 5،000 މީހުންގެ އާބާދީ އަކީ އިދާރީ ވަކި ދާއިރާ އެވެ. އެހެންވެ، ކޮންމެ ފަސް އަހަރަކުން މެންބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން 17 ވަނަ މަޖިލީހުގައި 77 މެމްބަރުން ތިއްބެވިއިރު 18 ވަނަ މަޖިލީހުގައި 85 މެމްބަރުން ތިއްބެވި އެވެ. ނިމިދިޔަ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބެވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މެމްބަރުންގެ އަދަދު 77 އަށް މަދު ކުރުމަށް ގާނޫނު އަސާސީއަށް ސަރުކާރުގެ ފަަރާތުން އިސްލާހު ހުށަހަޅުއްވާނެ އެވެ. އެކަމަކު އެ އިސްލާހު ހުށަހަޅުއްވާނެ ވަކި ތާރީހެއް ވިދާޅެއް ނުވެއެވެ.
" އޭގެ ސަބަބުން މަޖިލީހަށް ކުރަންޖެހޭ ހަރަދުތައް ރިކަރަންޓު ބަޖެޓުން ވަރަށް ބޮޑު ތަނުން ކުޑަވެގެންދޭ" ރައީސް ވިދާޅުވި އެވެ.
މެމްބަރުންގެ އަދަދު އިތުރުވަމުންދާތީ އެއީ ދައުލަތުން އުފުލަން ޖެހޭ ބޮޑު މާލީ ބުރަައެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެގޮތުން މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ ހިޔާލު ހޯދުމަށް ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެވެ. ރައީސް ވަނީ އެ ގަރާރު ހުށަހަޅައި ބަހުސްކުރެއްވި ކަމަށްޓަކައި މެމްބަރުންނަށް ޝުކުރު ވެސް ދަންނަވާފަ އެވެ.