ޚަބަރު

އިސްރާފުތައް ހުއްޓާލުމުން 4 ބިލިއަން ރުފިޔާ ސަލާމަތްވި: ނައިބް ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް/ ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ކުރަމުން އައި ބޭކާރު ހަރަދުތައް ހުއްޓާލުމުން ދައުލަތުގެ ބަޖެޓުން 4 ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވުނު ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ނައިބް ރައީސް އެހެން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށާ އެކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" ރަސްމީކޮށް އިފުތިތާޙްކުރުމުގެ ގޮތުން އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ މުހިންމު އެއް ފިޔަވަޅަކީ އެކި ނަންނަމުގައި ދައުލަތުން ބަދަލު ދިނުމަށް ކުރީ ސަރުކާރުގައި އުފެއްދެވި ސެޓަލްމެންޓް ކޮމެޓީ އުވާލެއްވުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އޭރު މަޝްރޫއުތައް ހިންގުމުގެ ނަމުގައި 3 ގުނައަށް އިތުރަށް ދައުލަތުން ކުރަމުން ދިޔަ ހޭދަ ހުއްޓުވައި، ދައުލަތުގެ ފައިސާ އިސްރާފުކުރުމަށް ހިންގަމުން ދިޔަ އެތައްކަމެއް ރައީސް މުއިއްޒު ހުއްޓުވުމަކަށް ގެންނެވި ކަމަށެވެ.

"އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުން ހިންގި އެތައް ކަމެއް ސުމަކަށް ހައްދަވައި، ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުން 4 ބިލިއަން ރުފިޔާ މިހާރުވެސް ވަނީ ސަލާމަތް ކޮށްދެއްވާފައި." ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ރައީސް މުއިއްޒު ދެއްވި އެންމެ ބޮޑު އެއް ޔަގީންކަމަކީ އެދުވަހުން ފެށިގެން ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން މުޅީން ހުއްޓުނީކަން ކަމަށާއި އެއީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެއްވުމަށް އެމަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅެއްކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!