ލިންކު ފޮނުވައިގެން މީހެއްގެ އެކައުންޓް ދޮވެލި މައްސަލައެއް، ފަސްލައްކަ ރުފިޔާ ގެއްލުނު
ފްލެޓް ލިބިފައިވާ ކަމަށް ބުނެ މީހަކަށް, އީމެއިލް މެދުވެރިކޮށް ލިންކެއް ފޮނުވައިގެން އެ މީހާގެ އެކައުންޓުން 587,000 އަށްވުރެ ގިނަ ރުފިޔާ ނެގި ''ސްކޭމް" އެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ސްކޭމްގެ މައްސަލަތައް ބެލުމަށް ފުލުހުން ވަނީ އެންޓި-ސްކޭމް ސެންޓަރެއް ގާއިމްކޮށްފަ އެވެ.
އެ ސެންޓަރުން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އެންޓި ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ނުދަންނަ ނަންބަރަކުން މީހަކަށް ގުޅައި ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އެ މީހާގެ އީމެއިލް އެޑްރެސް ހޯދައި، މޯބައިލް ނަންބަރު އީސިމް އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެއަށް ފަހު އިންޓަނެޓް ބޭންކިންގެ އެކްސެސް ހޯދައި އެ މީހާގެ ޕާސަނަލް އެކައުންޓުން 25،000ރ އަދި އެމީހާގެ ބައިވެރިވުން އޮންނަ ޖަމިއްޔާއެއްގެ އެކައުންޓުން 562،149ރ ވަގަށް ނަގާފައިވާ ކަމަށެވެ.
އެެ މައްސަލާގައި މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތު ހިއްސާކުރަމުން އެންޓި ސްކޭމް ސެންޓަރުގެ ސްކޭމް އިންވެސްޓިގޭޝަން ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ، އެ މައްސަލަ ބޭންކަށް ރިޕޯޓްކޮށްގެން 'ވިކްޓިމް' ގެ އަމިއްލަ އެކައުންޓުން 47 އިންސައްތަ ރުފިޔާ ސަލާމަތް ކުރެވިފައިވާއިރު ޖަމިއްޔާގެ އެކައުންޓުން 42 އިންސައްތަ ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށެވެ.
ޝާމް ވިދާޅުވީ އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގި "ސްކޭމް" އެއް ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ވިކްޓިމްގެ އެކައުންޓުން ފައިސާ ނަގަން ހޭދަވީ 1 ގަޑިއިރާ 49 މިިނިޓެވެ. ސްކޭމުން ހޯދި ފައިސާ ވިތްޑްރޯ ކުރުމުގައި ގިނަ ބަޔަކު ބައިވެރިވެ އެ މީހުންނަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިކްޓިމްގެ އެކައުންޓާ އޭނާގެ ބައިވެރިވުން އޮންނަ ޖަމިއްޔާގެ އެކައުންޓުން ނިގުޅައިގެންފައިވާ ފައިސާގެ ތެރެއިން 63 އިންސައްތަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 8 އޭޓީއެމްއަކުން ވިތްޑްރޯ ކޮށްފައިވޭ. މި ފައިސާގެ 19 އިންސައްތައިން ކްރިޕްޓޯ ކަރަންސީއާ އަދި 5 ވިޔަފާރިއަކުން އިލެކްޓްރޯނިކްސް އަގު ބޮޑު މުދާ ގަންނަން ހޭދަކޮށްފައިވާކަންވެސް ތަހުގީގަށް ފާހަގަކުރެވިފައިވޭ" ޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނެގި ފައިސާތަކުގެ ތެރެއިން ބޭނުންނުކުރެވި ހުރި 18 އިންސައްތަ ފައިސާ ހުރި އެކައުންޓް ފްރީޒްކޮށްފައިވާ ކަމަށެވެ.
ފައިސާގެ 60 އިންސައްތަ ކޭޝް އައުޓްކޮށްފައިވަނީ 20-5 މިނިސްޓްގެ ތެރޭގަ އެވެ. އަދި އެއް ޓްރާންސެކްޝަނަށް 6 ގަޑިއިރު ހޭދަކޮށްފައިވެ އެވެ.
މައްސަލާގައި ހޯދާފައިވާ ފައިސާއިން ކޭޝް އައުޓް ކުރުމާއި މުދާ ގަތުމުގައި ރާއްޖޭގެ 8 އަތޮޅެއް 36 ރަށަކުން 150 މީހުން ބައިވެރިވެފައިވާކަން ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގެ ތަހުގީގަކީ މިހާތަނަށް ސްކޭމެއްގެ މައްސަލައެއްގައި އެންމެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި ތަހުގީގު ކަމަށް ޝާމް ވިދާޅުވި އެވެ.
"ގާތްގަނޑަށް ތަހުގީގުގެ އެކި މަރުހަލާތަކުގައި 180 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވެ ހިންގާފައިވާ ތަހުގީގެއް" އޭނާ ވިދާޅުވި އެވެ.
ޝާމް ވިދާޅުވީ ތަހުގީގުގައި 19 ފަރާތަކާއި 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި 42 މީހަކާ ސުވާލުކޮށްފައިވާ ކަމަށެވެ. މައްސަލައިގެ ހެކި ހޯދުމުގެ ގޮތުން ގާތްގަނޑަކަށް 16 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖް އެނެލައިޒް ކޮށްފައިވާއިރު 29 މޯބައިލް ފޯނެއްގެ ސީޑީއާރް އެނެލައިޒްކޮށްފައިވެ އެވެ. އަދި 230 ބޭންކު ސްޓޭޓްމެންޓް އެނެލައިޒްކޮށް ބަލައި ފާސްކުރި މީހުންގެ ތެރެއިން 87 އިލެކްޓްރިކް ޑިވައިސް ހޯދާފައިވާ ކަމަށް ވެސް ފުލުލުހުން ބުންޏެވެ.
ޝާމް ވިދާޅުވި ގޮތުންނަމަ މި ފަހުން މާފުށީ ޖަލުން އަތުލައިގަތް އިލެކްޓްރޯނިކް ސާމާނުތަކަކީ އެ ސްކޭމްއާ ގުޅިގެން ފުލުހުން ބެލި ބެލުމުގެ ހޯދާފައިވާ ތަކެއްޗެވެ.