ރާއްޖޭގައި ގާއިމްވެގެން ތިބި އިންޑިއާ ސިފައިން އަދިވެސް ރާއްޖެއިން ފޮނުވާ ނުލާ ކަމަށާއި ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަށް ބުލީ ނުކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވި އިންޑިއާއިން ދަނީ އަދިވެސް ރާއްޖެއަށް ބުލީ ކުރަމުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އޮފީހުގައި މިރޭ ކުރިއަށްދިޔަ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދެއްކެވި އެއްވެސް ވާހަކަފުޅަކާއި މިހާރު ކަން ކުރައްވާ ގޮތާއި ދިމާ ނުވާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖެއިން އިންޑިއާ ސިފައިން ފައިބަންޖެހޭކަމަށް ވިދާޅުވި ނަމަވެސް ހަނިމާދޫއިން އެކަނިވެސް އިންޑިއާ ސިފައިން ތިބިކަން ސާފުކޮށް އެނގޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އިންޑިއާއާއެކު އޮންނަ ގުޅުމާއި ގުޅޭގޮތުން ދައްކަވާ ވާހަކަފުޅުތަކުން ސާފުވަނީ އިންޑިއާގެ ނުފޫޒު އޮތް މިންވަރުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
“އިންޑިއާއިން ބުނީމަ ޑިފެންސް މިނިސްޓަރުވެސް ކީއްކުރަންތޯ އެހެން ބޭފުޅުންވެސް ވިދާޅުވާނެ (އިންޑިއާ ސިފައިން ނެތޭ)”
މިހާރު ސަރުކާރުގައި ތިއްބެވި ޕީއެންސީގެ ބޭފުޅުން އިންޑިއާ އައުޓު ކެމްޕެއިނަށް ނިކުންނެވީ ރައީސް ޔާމީން ވިދާޅުވެގެން ކަަމަށް ވިދާޅުވި ނަމަވެސް އިންޑިއާ އައުޓު ކެމްޕެއިންގެ ބާނީއަކީ ރައީސް މުއިއްޒުކަމަށް ވިދާޅުވީވެސް ހަމަ އެބޭފުޅުންކަމަށް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ ހާރިޖީ ސިޔާސަތު އަދިވެސް އޮތީ އިންޑިއާއަށް ބަރޯސާވެފައިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ބޮޑު ގައުމަކަށް ވެ އޮވެ ރާއްޖެ ކުޑަ ގައުމަކަށް ވުމުން ބުލީ ކުރަން ދޫކޮށް ނުލެވޭނެކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް މިއަދު ފެންނަނީ ބުލީ ކުރާ މަންޒަރު ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ދަނީ ވަރަށް ގިނަ ކަންކަން ރައްޔިތުންނަށް ސިއްރު ކުރަމުން ކަަމަށެވެ. އަދި މިހާރު ހާލަތު އޮތް ގޮތުން މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން ފޫނުބެދޭނެކަން އެނގި ހުރެ ބަޖެޓު ރިވައިޒް ނުކުރާތީ ރައީސް ޔާމީން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އިގްތިޞާދާއިމެދު ހާސްކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރުގައި ތިބި އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުން ކަނޑަމުންގޮސް ހަރަދު ކުޑަކުރުމުގެ ނަމުގައި އެކި ފިޔަވަޅުތައް އަޅާކަމަަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. މިއަދު ގައުމުގެ ހާލަތަށް ރައީސް މުއިއްޒު ޒިންމާވާން ޖެހޭނެކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކޮންމެ ގޮތަކަށް ހާލަތު އޮތް ނަމަވެސް ރައްޔިތުންނަށް ކަންކަން ސާފުކޮށްދޭންޖެހޭނެ ކަމަށެވެ.
އިންޑިއާ ސިފައިން ތިއްބަސް ނެތަސް ދެން މަނިކުފާނަކަށް ވެރިކަމެއް ނުލިބޭނެ