ޚަބަރު

މިދިޔަ ސަރުކާރުން ޕަބްލިކް ވޯކްސް ހަލާކުކޮށްލި: މިނިސްޓަރު

ފާތިމަތު ނަޝްވާ ، ދެން އޮންލައިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޕަބްލިކް ވޯކްސް ސާވިސް އެއްކޮށް ހަލާކު ކޮށްލާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތޮލިބް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ވަނީ ހާޒިރުކޮށްފަ އެވެ.

އެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި މުއްތޮލިބު ވިދާޅުވީ، 2018 ގެ ކުރިން ފަޅު ފުންކުރަން ބޭނުންވާ ހުރިހާ މެޝިނަރީތައް ޕަބްލިކް ވޯކްސް ކުންފުނީގެ ތެރޭގައި ހުންނާނެ ކަމަށެވެ. އެކަމަކު އޭގެ ފަހުން އެ ކުންފުނީގައި ބޭނުންކުރި ހުރިހާ އާލާތްތަކެއް ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގެންގުޅުނު ބޭބީ ޑްރެޖާ އެބައޮތް މިހާރުވެސް، ތިލަފުށީގައި ބާ ދަނގަޑަށްވެފައި. ލޭންޑިން ކްރާފްޓްތަކާ އެއްޗެހި ވިއްކާލާފަ ހުރީ." މުއްޠޮލިބް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށް ރަށުގައި ހުރި އެސްކެލޭޓަރުތަކާއި މަސައްކަތްކުރާ ހުރިހާ މެޝިނަރީތައްވެސް ހުރީ ހަލާކުވެފަ އެވެ.

އަދި އިތުރު މެއިންޓެނެންސް މަސައްކަތެއް ޕަބްލިކް ވާކްސްއިން ކުރާނަމަ ދައުލަތުން ޖެހޭނީ އާ ޕްރޮޖެކްޓެއް ހަދައިގެން ބަޔަކާ ހަވާލުކުރަން ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

ޕަބްލިކް ވާކްސް ސާވިސަސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދީ 2012 ވަނަ އަހަރު އެވެ. ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ އެ ކުންފުންޏަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!