ޚަބަރު

ވެމްކޯއިން ކުޅުދުއްފުށީގައި ކުނި އުކާލައިދޭން ފަށައިިފި

ފާތިމަތު ނަޝްވާ ، ދެން އޮންލައިން
ވެމްކޯއިން ކުޅުދުއްުފުށީގައި ކުނި އުކާލަދޭން ފެށީ ބުރާސްފަތި ދުވަހު/ ފޮޓޯ: ވެމްކޯ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުޅުދުއްފުށި ސިޓީގައި ކުނި އުކާލައިދިނުމުގެ ހިދުމަތް ފަށައިފި އެވެ.

Ads by Sosun Fihaara

ވެމްކޯގެ ހިދުމަތް ކުޅުދުއްފުށީގައި ފެށީ ބުރާސްފަތި ދުވަހު އެވެ. ހިދުމަތް ރަސްމީކޮށް ފެށީ އެކަމަށްޓަކައި އެ ރަށު އަފީފުއްދީން ސްކޫލްގައި ބޭއްވުނު ރަސްމިއްޔާތަކުންނެވެ.

ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ މިނިސްޓަރު ތާރިގް އިބްރާހިމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަނީ ވެމްކޯގެ މަސައްކަތްތައް އެރަށުގައި ފެށުމުން ކުޅުދުއްފުށި ސިޓީގެ ކައުންސިލާއި ރަށު ރައްޔިތުންނަށް މަރުހަބާ ދަންނަވާފަ އެވެ.

މިނިސްޓަރު ތާރިގުގެ ވާހަކާގައި ވަނީ ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތަަކަށާއި ރާއްޖޭގައި ކުނި މެނޭޖްކުރެވެމުންދިޔަ ގޮތަށް އަލިއަޅުއްވާލާފަ އެވެ. އެގޮތުން، ވަސީލަތް މަދު ކަމާއި، ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، ވަށާޖެހޭ، ހަރަދުކުޑަގޮތެެއްގައި އެ މަސައްކަތްކުރުމަށް ހުރި ގޮންޖެހުމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން "މަގޭ ސާފު ރާއްޖެ" މަޝްރޫއު މިހާރު ލޯންޗް ކުރެވިފައި ކަމަށާއި މާސްޓާ ޕްލޭނެއްގެ ދަށުން ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން، ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަމަށްވެސް ތާރިގު ވިދާޅުވި އެވެ.

ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް 'މަގޭ ސާފު ރާއްޖެ' އަކީ ހަފްތާ-14 މަގުޗާޓުގައި ހިމެނޭ "ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ގައުމީ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި، އިއުލާނުކޮށް ތަންފީޒުކުރަން ފެށުން" މި ވައުދު ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ ގައުމީ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ގާއިމުކުރުމެވެ. އަދި ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީކުރުމާއި، ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!