އާރަށް ކައިރިން އެން ދަމަން އުޅުނު ދޯންޏެއް ހުއްޓުވައިފި

ރައީސުލްޖުމްހޫރިއްޔާ ޗުއްޓީ ހޭދަކުރެއްވުމަށް ރަސްމީކޮށް ހަމަޖައްސާފައިވާ މާލެ އަތޮޅު އާރަށް ކައިރީގައި އޮންނަ ތިލަޔަކުން އެން ދަމަން އުޅުނު ދޯންޏެއް ކޯސްޓުގާޑުން ހުއްޓުވައިފި އެވެ.
އާރަށް ބަލަހައްޓަމުންދާ އެމްއެންޑީއެފުން ހުއްޓުވީ "މަސްކުރި" ނަމަކަށް ކިޔާ ދޯންޏެކެވެ.
އާރަށަކީ ހާއްސަ ހުއްދައެއް ލިބިގެން ނޫނީ އަރައިފޭބުން މަނާ ރަށެކެވެ.
"އާރަށް ކައިރިއަށް މޫދަށް ފައިބައިގެން އުޅުނު ދޯންޏަކަށް އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެންގިފައިވޭ" އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
އެންދަމަން އުޅުނު މަސްދޯނި ހުއްޓުވުމާއި ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ޔޫނިއަން އިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، މާލެ އަތޮޅު އާރަށު ތިލައަކީ ޒަމާނުންސުރެ މަސްވެރިން އެންވެރިކަން ކުރަމުން އަންނަ ތަނެއް ކަމަށެވެ.