ޚަބަރު

ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު، ދެ ދަރިވަރަކު އެދުނީ ރާއްޖެއަށް އަންނަން

އަލީ ސަމާޙް ، ދެން އޮންލައިން

ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރޭގައި އޮތް ބަންގްލަދޭޝްގައި މި ވަގުތު ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތެރެއިން 2 ދަރިވަރަކު އެނބުރި ރާއްޖެ އަންނަން ބޭނުންވާތީވެ އެ ދަރިވަރުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

Ads by Hajj Corporation

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކޮށްފައިވާ ދިވެހިންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

"މިވަގުތު ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު" ފޮރިން މިނިސްޓްރީން ބުނީ ހައިކޮމިޝަންގައި 90 ދަރިވަރުންނާއި، އާއިލާތަކާއި، އެކި ކަންކަމުގައި މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، ބަންގްލަދޭޝްގެ މެޑިކަލް ސްކޫލުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ވަނީ، އެ ސްކޫލުތައް ބަންދުކުރުމުން ރާއްޖެ އެނބުރި އަންނަ ގަސްތުކުރާ ކަމަށް އަންގާފައި ކަމަށެވެ.

"މި ދެ ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑާ ހުރަސްކުރުމުގައި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ކޮމިޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި" މިނިސްޓްރީން ބުންޏެވެ.

ބަންގްލަދޭޝްގައި ކާފިއު އިއުލާންކޮށްފައިވުމުން އެ ގައުމުގެ ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަން މިނިސްޓްރީން އެދެ އެވެ.

ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މައުލޫމާތު:

    •  ގުޅޭނެ ނަންބަރު: 8801329748885+/ 8801708120318+
    •  އީމެއިލް އެޑްރެސް: [email protected]
    • ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400

ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާ ދެކޮޅަށް ދަރިވަރުން ކުރަމުންގެންދާ މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 114 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމުގެ ބައެއް މާއްދާތަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ބާތިލު ކޮށްފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!