އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް އޭލެވެލް ކިޔެވުމުގެ ފުރުސަތު ދެނީ
ރާއްޖޭގައި އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް އޭލެވެލް އަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ވަނީ ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ފާސްޓު ލޭޑީ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.
އެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެ ދަރިވަރުންނަށް ކިޔަވައި ދިނުމަށްޓަކައި 40 ބިލިޔަނެންހާ ރުފިޔާ ހަރަދު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް މުއިއްޒުގެ ޒައާމަތުގެ އެންމެ އިސްކަންދޭނެ ކަމަކީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު މިހާރަށް ވުރެ އިތުރު ކުރުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވާ މައްސަލައަކީ ޔުނިވާސިޓީ ތައުލީމަށް ވަދެވޭ ފެންވަރަށް 2500 އެއްހާ ދަރިވަރުން އަދިވެސް ފާސްނުކުރެވިގެން މިއުޅެނީ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޒާއަމަތުގަ އަޅުގަނޑުމެން އެންމެ އިސްކަންދޭނެ ކަމަކީ. އޭލެވެލް ނިންމާ ކުދިންގެ އަދަދު ގިނަކޮށް މަތީ ތައުލީމުގެ ފުރުސަތު ގާއިމްކުރުން." ޝަފީއު ވިދާޅުވިއެވެ.
މިކަން ކުރުމަށްޓަކައި ރާއްޖޭގައި އަލަށް 23 ސްކޫލެއްގައި ސާނަވީ އިމްތިހާނު ނިންމާ ހުރިހާ ކުދިންނަށް ޖާގަ އޮތް މިންވަރުން އޯލެވެލްގެ ފުރުސަތު ދޭނެ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ. އަދި މީގެ އިތުރުން 2 މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށާއި, އިސްލާމް މާއްދާއިން އެކަނި ފާސްވާ ކުއްޖާއަކީ ވެސް އިތުރު ތަމްރީނާއެކު މުސްތަގުބަލުގައި މޮޅު އިސްލާމް ޓީޗަރަކަށް ވެދާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ފަރާތްތަކުން މިއީ ބޭކާރު ހަރަދެއްކަމަށް ގަބޫލުކުރި ނަމަވެސް މިއީ ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް ކުދިންގެ ކިބައިގައި ހުރި ހުނަރު ކުރިއެރުވުމަށް ހުޅުވާލެވިގެންދާ މަގެއް ކަމަށެވެ.