ރިޕޯޓް

ލޯބިވާކަން ހާމަކުރުމަށް ޓަކައި އިއްފަތުގެ ފަރުދާ ކަޝްފު ކުރާކަށް ނުޖެހެއެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޒަމާން ބަދަލު ވެއްޖެއެވެ. އިންސާނާގެ ފިކުރާ ޚިޔާލުވެސް ބަދަލު ވެއްޖެއެވެ. ޒަމާނީ ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުމާއެކު އަޅުގަނޑުމެން އެންްމެންގެ ދިރިއުޅުމަށް ވެސް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަތުގައި އޮންނަ މޯބައިލް ފޯނުން ހަމަ ނުކުރެވޭ އެެއްވެސް ކަމެއް ނެތޭ ބުނިކަމުގައި ވިޔަސް ދޮގަކަށް ނުވާނެއެވެ. މި ފޯނުގެ އެހީގައި ތިމާއަށް ނުހަނު ފައިދާހުރި ކަންތައްތަކެއް ވެސް ކުރެވިދާނެއެވެ، ނޫންނަމަ މި ފޯނަކީ ތިމާ މަގު ފުރެދި ފާހިޝް ކަންކަމަށް މަގު ކޮށައިދޭ އެއްޗަކަށް ވެސް ވެގެން ހިނގައިދެއެވެެ. އޭގައި އޮންނާނީ ތިބާ އިޚްތިޔާރު ކުރި ގޮތެކެވެ.

Ads by STELCO

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ފެނިގެންދާ އެއް މަންޒަރަކީ މީހަކާ އިނުމުގެ ކުރިން ކޮންމެ ދެމީހަކުވެސް ރައްޓެހިވެގެން އެތައް ދުވަހެއް ހޭދަ ކުރުމެވެ. އެކަކު އަނެކަކަށް ދަސްވަނީ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ހޭދަކުރުމުން ކަމުގައި މިއަދުގެ ޒުވާނުން ގަބޫލު ކުރެއެވެ. އެއީ ތެދެއް ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ރައްޓެހިވެގެން އުޅޭ އިރުގައި ދެމަފިރިންހެން އުޅުމުން އެ ޖެހުނީ ކޮންތާކު ބާވައެވެ، އެއީ ހަމަ ޔަގީނުން ވެސް އުޅެން ހެޔޮވާނެ ގޮތެއް ނޫނެވެ.

މިއަދު އަޅުގަނޑުމެންގެ މޯބައިލް ފޯނުގެ އެހީގައި އަޅުގަނޑުމެންނަށް ދެމީހުން އެކަކު އަނެކަކާ ދުރުގައި ތިބި ނަމަވެސް ފެންނަ ގޮތަށް ވާހަަކަ ދެއްކެއެވެ. ވީޑިއޯ ކޯލުގެ ޒަރިީޢާ އިންނެވެ. ދެމީހުން އެކަކު އަނެކަކަށް ފޮޓޯ ފޮނުވެއެވެ. ޗެޓު ކުރުމަށް ނަން ހުސްކޮށް އެޕްލިކޭޝަން ތައްވެސް އެހުރީއެެެވެ.

ކޮންމެއަކަސް ދެމީހުން އެކަކު އަނެކަކާ ލޯބީގެ ގޮތުން ގުޅި އެލޯބީގައި އާވާރާވެ ދުވާލާއި ރޭގަނޑު ހޭދަކޮށްލަނީ ދެމީހުން އެކަކު އަނެކަކަށް ޗެޓު ކުރުމުގައެވެ. ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކަމުން ގޮސް ދެމީހުންގެ ދޭތެރެއަށް ޝައިތާނާގެ ނުބައި ވަސްވާސް ވަންނަ ހިސާބަކީ ހަމަ ޔަގީނުން ވެސް ކަންތައްތައް ގޯސް ވާން ފަށާ ހިސާބެެވެ. އެގޮތަށް ކަންތައްތައް ވުމުގެ ސަބަބުން އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯ ތައް ހިއްސާ ކުރެވޭތަން އާދެއެެވެ، ވަގުތީ ލައްޒަތާއި ވަގުތީ އަރާމަކަށެވެ. ދުނިޔޭގެ މަޖަލާއި ހިތްހަމަޖެހުމަށެވެ،

ދެމީހުންކުރެ ކޮންމެވެެސް އެކަކު އަނެކާގެ ގާތުގައި އެފަދަ ފޮޓޯއެއް ފޮނުވަން އެދުމުން އަނެކާ ދެކޮޅު ހަދާފާނެއެވެ. ނަމަވެސް ޝައިތާނާ ވިސްނައިދެނީ އެ ފޮޓޯ އޭނާ ނުފޮނުވައިފިނަމަ އޭނާ ތިމާ ދޫކޮށް ގޮސްފާނެ ކަމަށެވެ. ލޯބިވާކަން ހާމަ ކުރުމަށް ޓަކައި އެ ފޮޓޯ ފޮނުވަން ޖެހޭ ކަމަށް ޝައިތާނާ އޭނާއަށް ވިސްނައިދެއެވެ. ނަތީޖާ އަކަށް ވަނީ ހަމަ ވަގުތީ ހިތްހަމަ ޖެހުމަކާއި ވަގުތީ ހިނދުކޮޅަކަށް ޓަކައި ބަރަހަނާ ފޮޓޯ ތަކާއި ވީޑިއޯތައް ލޯބިވެރިޔާއަށް ފޮނުވުމެެވެ.

އެދުވަސްތައް ވެސް އެހެން ފާއިތުވެގެން ހިނގައްޖެއެވެ. ނުހަނު އެކުގައި ލޯބިން އުޅުނު ދެލޯބިވެރިންގެ ދެމެދުގައި މައްސަލަތައް ޖެހެން ފަށައެވެ. މައްސަލަތައް ގިނަވެ ދެމީހުން އެކަކު އަނެކަކާ ވަކިވާ ހިސާބަށް ގޮސް ދެމިހުން އެކުގައި އާރާސްތު ކުރި ލޯބީގެ ގުޅުން އަމިއްލަ އަތުން ފުނޑުފުނޑު ކޮށްލައެވެ. ނަތީޖާ އަކަށް ވަނީ އޭގެ އަނެއް ދުވަހުގެ އިރު އުދަރެހުން ދައްކާލާއިރު ކޮންމެވެސް އެކެއްގެ ބަރަހަނާ ފޮޓޯތައް މީސްމީޑިއާގެ މަންސަ ތަކުގައި އާންމުވެފައި ހުރުމެވެ. ނަމަވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ. ވަގުތު ފާއިތު ވެއްޖެއެވެ. ކުރެވިފައިވާ ކަމެއް ނުކުރެވޭ ކަމަކަށް ވެސް ނުހެދޭނެއެވެ،

އެކުވެރިޔާއެވެ. ދެންވެސް ވިސްނާލާށެވެ. ލޯބިވާކަމުގެ ދަލީލަކީ އެފަދަ ފޮޓޯތަކެއް ނޫނެވެ. ލޯބިވާކަން ހާމަ ކުރުމަށް ޓަކައި އިއްފަތުގެ ފޭރާން ކަޝްފު ކުރާކަށް ވެސް ނުޖެހެއެވެ. މިއަދު ތިޔަ ކަންތައްކުރާ ގޮތުން މާދަމާ ރޯން ޖެހޭނީ ހަމަ ތިބާކަން ހަނދާން ކުރާށެެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!