އެކުވެރިޔާއެވެ. މީ އަހަރެން އެކުވެރިޔާއަށް ވާ ވައުދެކެވެ.
އެކުވެރި ކަމަކީ މާ މަތިވެރި އެއްޗެއް ކަމަކަށް އަހަރެން އޭރުގައި ގަބޫލެއް ނުކުރަމެވެ. އެކުވެރިންނާއި އެކު އަހަރެން މާ ގިނަ ވަގުތުތަކެއް ވެސް ހޭދައެއް ނުކުރަމެވެ. އެއީ އަހަރެންގެ މާ ގިނަ އެކުވެރިން ނެތީމައޭ ބުނުމަކީ ވެސް މުޅިއަކުން ދޮގެއް ނޫނެވެ. ދެތިން މީހުން އެކުވެރިންގެ ގޮތުގައި ތިބި ކަމުގައި ވީ ނަމަވެސް އެތައް މަސްތަކެއް ވޭތުވެގެން ދާއިރުގައި ގިނަވާނީ ދިމާ ނުވެދާ ދުވަސްތަކެވެ.
އެހެންނަމަވެސް ތިބާ އަހަރެންގެ ޙަޔާތަށް އައީ އަހަންނަށް ވަރަށްވެސް ބޮޑު ފިލާވަޅެއް ދަސްކޮށްދޭށެވެ. މިއަދު އަހަންނަށް ރަހުމަތްތެރިންނަކީ ކިހާ މުހިންމު ބައެއްކަން ވިސްނައިދިނީ ތިބާއެވެ. އެކުވެރިޔާއެވެ. ކުރިން އަހަރެން ގިނަވަގުތު އަހަރެންގެ ލޯބިވެރިޔާއާއި އެކުގައި ހޭދަކުރި ނަމަވެސް މިއަދު އަހަރެން މިވާ އުފަލެއް އެދުވަހަކު ނުވަމުއެވެ.
އެކުވެރިޔާއެވެ. އަހަރެން ގަބޫލު ކުރާގޮތުގައި ތިއީ އަހަންނަށް الله ދެއްވި ނިޢުމަތެކެވެ. އަހަރެން ތިބާއަށް ޓަކައި އެކަލާނގެ ޙަޟްރަތަށް ޝުކުރުވެރި ވެސް ވަމެވެ. ލޯބީގެ އޮއެ ގަދަ ކަނޑުގައި އަހަރެން ޣަރަޤު ވަމުން ދަނިކޮށް އެހީތެރިކަމުގެ އަތެއް ދިތްކޮށްލީ ވެސް ހަމަ ދެވަނައެއް ނެތް ތިޔަ އެކުވެރިޔާއެވެ. މިސަބަބަށްޓަކައި އަހަރެން ތިބާއާއި ދޭތެރޭ ފަޚުރުވެރިވާ މިންވަރު الله ދެނެވޮޑިގެންވާނެއެވެ.
ލޯބިވާ އެކުވެރިޔާއެވެ. އަހަރެންނާއި އެކު ޙަޔާތުގެ މިނަވަށް އަރައި އަހަރެން ދަތުރުކުރުމަށް ހަމަޖެހިފައިވާ މަގު ގެއްލެނިކޮށް އަހަންނަށް މަގު ދައްކައިދިން ކަމަށްޓަކައި ވެސް ހިތުގެ އެންމެ ފުންމިނުން ތިބާއަށް ޝުކުރު އަދާކުރަމެވެ. މިއަދު އަހަރެން ދިރިއުޅުމުގައި މިހިސާބަށް ވެސް އާދެވިފައި މިވަނީ ހަމަގައިމު ވެސް ތިބާގެ ވެސް ވަރަށް ބޮޑު ހިއްސާ އެއް ވެގެންނެވެ.
މިއަދު އަހަރެމެން ދެމީހުން އެއްކޮށް ހޭދަކުރާ ކޮންމެ ވަގުތަކީ ވެސް ޖަވާހިރުތަކެއް ފަދަ އެހާމެ އަގު ބޮޑު ވަގުތު ތަކެކެވެ. އަގުހުރި ހަނދާން ތަކެކެވެ. އަހަރެން ގާތުގައި މިއަދު ތިބާ ނެތަސް އެކުއެކީގައި ހޭދަ ކޮށްފައިވާ މިވަގުތުތައް އަހަރެން ހަނދާން ކުރާނީ އަބަދުވެސް ހިނިތުންވެ ހުރެއެވެ. ތިބާއަށް ނޭނގުނަސް ތިބާއަކީ މަގޭ ޙަޔާތުގެ ވަރަށް މުހިންމު މީހެކެވެ.
މިއަދު އަހަރެންނަށް ތިޔަ އެކުވެރިޔާއާއި ނުލާ ނޫޅެވޭނެއެވެ. ތިބާ މިއަދު އަހަރެން ދޫކޮށްފައި ހިނގައްޖެނަމަ އަހަރެން ދެން ވެއްޓޭ ވަޅުގަނޑު، ކުރިން ވެއްޓުނު ވަޅުގަނޑަށް ވުރެ އެތައް ހާސް ތަނެއް ފުނެވެ. އަހަންނަށް ހެޔޮކަންކަން ކުރުމަށް ތިބާ ބާރުއަޅާފަދައިން އެކަން ކުރާނެ އެހެން މީހަކު ދެން ނެތެވެ. ދިރިއުޅުމުގައި އަމިއްލަ ފައިމައްޗަށް ތެދުވަން އެކުވެރިޔާ ތިވަނީ ހާދަހާ މާތް ޤުރުބާނީއެކެވެ.
މިއަދު އަހަރެންނަށް ތިޔަފަދަ މާތް އެކުވެރިއެއް ދެއްވި ކަމަށްޓަކައި މާތް الله ގެ ހަޟްރަތަށް ޝުކުރުވެރިވަމެވެ. އެކުވެރިޔާއެވެ. އަހަރެން ތިބާ ދެކެ ވަރަށް ލޯބިވެއެވެ. ދުޢާއަކީ އަހަރެމެން ދެމީހުންގެ މި ގާތް ގުޅުމުގައި އެކަލާނގެ ބަރަކާތް ލެއްވުމެވެ. އަދި ކޮންމެ މީހަކަށް ވެސް ތިޔަފަދަ އެކުވެރިއެއް ލިބުމެވެ.