ދައުލަތް ވަރުގަދަކޮށް ބޭއްވުމަށް ޓަކައި ސިޔާސީ މަގާމުތައް އިތުރުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ބައެއް ފަރާތްތަކުން ސަރުކާރު ބަނގުރޫޓުވާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެއީ އެ ކަމުގައި ތެދެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ. މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ކުރިން ދެމުން އަންނަ ދުވަހަށް ވުރެ އެއް ދުވަސް ކުރިން މުސާރަ ދެމުންދާ ކަމަށް ވެސް އޭނާވިދާޅުވި އެވެ.
"ކާކަށްތޯ، ކޯންޗެއްތޯ މި ސަރުކާރުން ހަވާލުވީ ފަހުން ނުލިބެނީ. ކޮންޗެއްތޯ އުނިވީ. ކޮން މަގާމެއްތޯ މަދުވީ. ސިވިލް ސާވިސްއިން މީހަކު ކަނޑާލިތޯ. ނޫނީ ކުންފުންޏަކުން މީހުންތަކެއް ކަނޑާލިތޯ. ނޫނީ އެހެން އެއްވެސް ދާއިރާއަކުން މުވައްޒަފަކު މަދުކުރިތޯ،" ސަލީމް ސުވާލު އުފެއްދެވި އެވެ.
އެެއްވެސް ދާއިރާއަކުން މީހަކު ވަކި ނުކުރާކަން ވެސް ސަލީމް ފާހަގަ ކުރެއްވި އެވެ.
ސަލީމް ވިދާޅުވީ ސިޔާސީ މަގާމު ދެނީ ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ ވެސް މީހަކަށް ކަމަށާއި އެއިން ކޮންމެ މީހެއްގެ ވެސް އާއިލާއެއް އޮންނާނެ ކަމަށެވެ. އެމީހުން ވެސް ދިރިއުޅުމަށް ޓަަކައި މަގާމާއި ފައިސާ ބޭނުންވާނެ ކަމަށް ވެސްސަލީމް ވިދާޅުވި އެވެ.
ސަރުކާރުން ކުރިއަށް އޮތް ތަނުގައި ވަޒީފާ އުފެދޭނެ އިތުރު ވަސީލަތްތައް ގާއިމުކޮށް، ސަރުކާރުންނާއި ކުންފުނިތަކުގައި އިތުރު ވަޒީފާ އުފައްދައިގެން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަަމަށް ސަލީމް ފާހަގަކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ވަޒީފާ ބޭނުންވާ މީހަކަށް ނުލިބި އެއް ނުހުންނާނެ. ހުރިހާ މީހުން ތިބޭނީ ވަޒީފާގައި. އަދި އެމީހުން ތިބޭނީ ވެސް އެމީހުންނާ އެކަށީގެންވާ މުސާރައިގައި،" ރައްޔިތުން އެއްގޮތަކަށް ވެސް ކަންބޮޑުވާން ނުޖެހޭކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު ވިދާޅުވީ ގައުމަށް ދަތި ހާލެއް ނުޖެހޭ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް ގެންދަވަނީ އިސްލާހުގެ ޕްރޮގްރާމަކަށް ކަމަށާއި ދިވެހި ރައްޔިތަކަށް އެކަމުގެ ސަބަބުން އެެއްވެސް ގެއްލުމެއް ކުރިމަތި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ބައެއް ފަރާތްތަކުން ދަނީ އާސަންދައާއި އެފަދައިން ދެމުން އަންނަ އިނާޔަތްތައް އުނިވާނެ ވާހަކަ ދައްކަމުން ކަމަށެވެ. އެހެން ނަމަވެސް އެއިން ކަމެއް އުނިވާނެ ނިކަމެތި އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.