ރަނގަޅަށް ކަންތައް ކުރާނަމަ މީހުންގެ ނުރުހުން އަމާޒުވާނެ ކަމަށާއި އެންމެން ރުއްސައިގެން ގައުމު ނުހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރުގެ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ މަޝްވަރާގެ ރިވެތި އުސޫލަށް ތަބާވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ކިތަންމެ ކުޑަކަމަކާ ގުޅިގެން ވިޔަސް އިސްބޭފުޅުންނާއި ވަޒީރުންގެ އިތުރުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާ ކަަމަށެވެ.
އެހެން އެކަން ހުރި ނަމަވެސް ރައީސް އާ މެދު ހަސަދަވެރިވެ، އެމަނިކުފާނުގެ އަބުރާއި އިއްޒަތަށް އަރައިގަނެ، އެމަނިކުފާނުގެ އަގުވައްޓާލައި، ހިތު ހުރިހާ އެއްޗެއް ކިޔަމުން އަންނަކަން ފާހަގަކުރައްވާ އެކަން އެގޮތަށް ކުރަނީ ކީއްވެގެންތޯ ސަލީމް ސުވާލު އުފެއްދެވި އެވެ.
"ތާރީހުން ވެސް އަޅުގަނޑުމެންނަށް އެނގޭނެ މީހަކު ރަނގަޅަށް ކަންކަން ކުރާ ކަމަށް ވަންޏާ، އެމީހަކާ ދޭތެރޭގައި އަންނާނެ ނުރުހުން. އެންމެން ރުއްސުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫން،" ސަލީމް ވިދާޅުވި އެވެ.
އެންމެން ރުއްސައިގެން ގައުމު ނުހިންގޭނެކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވެފައި ވަނީ ރައީސްގެ ވިސްނުންފުޅަކީ ތެދުވެރިކަމާ އެކުގައި މަސައްކަތް ކުރުން ކަމަށާއި އެ މަގުން މަސައްކަތްކޮށް ގައުމު ހަމަމަގަށް އެޅުވުން ކަމަށެވެ. ސަލީމް ވަނީ މީހުން ދައްކާ ވާހަކަތަކަށާއި ނޫސްތަކުގައި ޖަހާ ތަކެއްޗަށާއި މީސް މީޑިއާގައި ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދެއްވުމަށް ރައީސްއަށް ގޮވާލައްވާފަ އެވެ.
"މި ކަހަލަ ޒަމާނެއްގައި އަޅުގަނޑުމެން އެއިން ލިބޭހާ މައުލޫމާތެއް ބަލައި ބަހައްޓާފައި އަޅުގަނޑުމެން އެ ވާހަކަ ދައްކަން ވެއްޖިއްޔާ ކިހިނެއްތޯ ދުވާލު ހަތަރުދަމު، އަޅުގަނޑުމެން އުޅެން ޖެހޭނީ އެކަމުގައި،" ސޯޝަލް މީޑިއާގެ ޖާހިލުކަން އިންތިހާއަށް ގޮސްފައިވާކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވި އެވެ.
އޭދަފުށީގެ މެމްބަރު ވިދާޅުވި ގޮތުގައި އެކަންކަމާ މެދު ވިސްނަން ވެއްޖެ ނަމަ ދުވާލު ހަތަރުދަމު، ނިދުމެއް ނެތި ތިބެން ޖެހޭނީ އިތުރު ކަމެއް ނުކޮށް ކަމުގަ އެވެ. އެކަން ކަމަށް ނުބަލައި މަސައްކަތްތަކައިގެން ދާނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ.