ޚަބަރު

އާރްޑީސީގެ އެމްޑީ ކިޔައިދެއްވީ ކުންފުނީގެ އޭރާއި މިހާރުގެ ހާލަތު

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އާރްޑީސީގެ އެމްޑީ އަލީ ޒުހައިރު/ ފޮޓޯ: ދެން

"އޮޑިޓެއް ފެންނާކަށް ނެތް. އެހެންވެއްޖެ ކަމަށް ވަންޏާ ހާލަތު ދެނެގަތުމަށް ފުރަތަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގޮން ޖެހުމަކަށް ދިމާވި" - މަގު ހަދާ ކުންފުނި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ބްރިގާޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު, ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިޒަސް ކޮމިޓީގައި މިއަދު ވިދާޅުވީ މިހެންނެވެ.

Ads by STELCO

އެ ކޮމިޓީއަށް ޒުހައިރު ހާޒިރުކުރައްވާފައިވަނީ އެ ކުންފުނީގެ ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ކޮރަޕްޝަންތަކާއި ގުޅޭ މައުލޫމާތު ހޯދުމަށެވެ. އަދި ކުރިން ހިންގި ފަދަ ކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ހޯދުމަށެވެ.

އެ ކޮމިޓީގައި ޒުހައިރު ތިލަކޮށްދެއްވީ މިދިޔަ ފަސް އަހަރު އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަނެވެ. ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ކުންފުނީގައި ލިޔެކިޔުމެއްވެސް ނެތް ކަމަށެވެ. އޭރު އޮތްހާވެސް އެއްޗަކީ 4 މިލިއަނެއްހާ ރުފިޔާ ކަމަށް ޒުހައިރު ވިދާޅުވި އެވެ. އެކަމަކު އެހާ ކުޑަ ފައިސާކޮޅަކާއެކުވެސް ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

މަޝްރޫއުތައް އޮތީ ހުއްޓިފައި

ޒުހައިރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އާރްޑީސީއާ 35 މަޝްރޫއުއެއް ހަވާލުކޮށްފައިވާ ކަމަށެވެ. ކުރީ ސަރުކާރުން އެއިން 17 ރަށެއްގެ މަގު ހެދުމުގެ މަޝްރޫއެއް ފެށި އެވެ. އެކަމަކު އެ މަޝްރޫއުތައްވެސް ވަކި ހިސާބަކުން ހުއްޓުނީ އެވެ.

އެހެންވެ އެންމެ އިސްކަމެއް ދެއްވީ އެ މަސައްކަތްތައް އަލުން ފެށުން ކަންވެސް ޒުހައިރު ވިދާޅުވި އެވެ. އެކަމަކު ދިމާވި ގޮންޖެހުމަކީ މަޝްރޫއުތައް ކުރިއަށް ގެންދަން ތަކެތި ނެތުމެވެ. އެކަން ކުރަން ލޯނެއް ދޭނެ ބަޔަކުވެސް ނުވެގެން ވަރަށް އުދަނގުލުން އެ ތަކެތު ހޯދައިގެން މަސައްކަތް ފެއްޓި ކަމަށް ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ 17 ރަށުގެ އިތުރުން 10 ރަށެއްގެ މަޝްރޫއު މިދިޔަ ޖެނުއަރީ މަހު ފެށި ކަމަށެވެ. އަދި އެ 27 މަޝްރޫއުވެސް މިހާރު އޮތީ އެކި މަރުހަލާގަ އެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އާރްޑީސީގެ ހިޔާނާތުގެ ތަހުގީގަށް ފުލުހުން އެތަނުގައި ހުރި ހުރިހާ ލިޔެކިޔުންތަކެއް ވަނީ ގެންގޮސްފަ އެވެ. އެހެންކަމުން ކުންފުނީގެ ހާލަތު ދެނެގަތުމަށް ޒުހައިރަށް ގޮން ޖެހުންތައް ބޮޑުވި އެވެ.

ބިދޭސީ މުވައްޒަފުން ހިމެނޭހެން ގިނަ އަދަދެއްގެ މުވައްޒަފުން އެ ކުންފުނީގައި އޭރު ތިބިއިރު އެކަށީގެންވާ މަސައްކަތެއް އެ މުވައްޒަފުން ލައްވާ ނުކުރާތީ ފިނޭންސް މިނިސްޓްރީއާ ވާހަކަދައްކަމުންދާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.

ނުއަގުގައި ގިނަ ވެހިކަލްތަކެއް

މަޝްރޫއުތައް ނުފެށުނު ތަނުގައި ބޭނުންވާ އަދަދަށްވުރެ ގިނަ ވެހިކަލްތައްވެސް އާރްޑީސީއަށް އޮތީ ކުއްޔަށް ނަގައިފަ އެވެ. އެވެސް ނުއަގުގަ އެވެ. ޒުހައިރު ވިދާޅުވީ އެކްސްކަވޭޓަރު ހިމެނޭހެން 5500 އާއި 7500 އާ ދެމެދުގެ އަދަދެއްގެ ތަކެތި ނަގާފައިވާ ކަމަށެވެ. އެ ތަކެއްޗަށް އޭރު 15 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އެ އަގު ކުޑަކޮށް ބޭނުންނުކުރާ ވެހިކަލްތައް ދޫކޮށްލުމުން ވެހިކަލްތަކަށް ހަރަދުތައް ވަނީ ބޮޑު ތަނުން ސަލާމަތްވެފަ އެވެ. އަދި އެތަކެއްޗަށް މިހާރު ހަރަދުވަނީ 7 މިލިއަނާއި 5 މިލިއަނާ ދެމެދު އަގެކެވެ.

10 ރަށުގައި މަސައްކަތް ކުރަމުންވެސް ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަ ކޮށްފައިވެ އެވެ. ޒުހައިރު ވިދާޅުވީ މިހާރު އެސްޓީއޯ މެދުވެރިކޮށް މަޝްރޫއުތަކަށް ބޭނުންވާ ތަކެތި 35 ޕަސެންޓް އަގު ކުޑަކޮށް ގަންނަމުންދާ ކަމަށެވެ.

އާރްޑީސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފުލުހަށް ހާޒިރުކުރިއިރު އެ މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކުގެ މައްޗަށްވެސް ތުހުމަތު ކުރެ އެވެ. އެ މައްސަލާގައި ފުލުހުން ބުނީ، އެ ކުންފުނީގެ މުވައްޒަފުންގެ އެކައުންޓުތަކުން ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި އެ މީހުންގެ އެކައުންޓުތަކަށް ވެސް ފައިސާ ވަދެފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!