ޚަބަރު

ފަލަސްތީނުގެ ގަތުލުއާންމު ނިމުމަކަށް ގެނެވޭނީ ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމުން: ޒަމީރު 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު/ ފޮޓޯ: ފޮރިން މިނިސްޓްރީ

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ނިމުމަކަށް ގެނެވޭނީ އެއްވަސް ގައުމެއް އިސްތިސްނާ ނުވާހެން ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިނިސްޓަރު އެހެން ވިދާޅުވީ ފޮރިން މިނިސްޓަރު ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމަކީ ފަލަސްތީނާއި އިރާންގެ ދައުވަތަކަށް އޯއައިސީގެ އެގްޒެކްޓިވް ކޮމިޓީއިން އެ ޖަމުއިއްޔާގެ ހުރިހާ މެމްބަރު ގައުމުތަކުގެ ބައިވެރިވުން ހިމެނޭހެން ބޭއްވި ކުއްލި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން ޒަމީރު ވިދާޅުވީ އިޒުރޭލުން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ނުވަތަ ނަސްލު ނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައްވާ ޒަމީރު ވިދާޅުވީ މި ވަގުތު އެންމެ މުހިއްމު ކަމަކީ ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ ރައްޔިތުންނަށް ފޯރާކަން ކަށަވަރުކުރުން ކަމަށެވެ.

ޒަމީރު ވަނީ ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާ ދިނުމަށް ދެގޮތެއްނުވެ ފަލަސްތީނާއެކު ތިބޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ޒަމީރު ވިދާޅުވީ އެ ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައެޅުން ކަމަށެވެ. އަދި ފަލަސްތީން އިޒުރޭލުގެ އަތްދަށުން މިނިވަންކޮށް އެއީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހެދުންކަމުގައި ވެސް ޒަމީރު ވިދާޅުވި އެވެ.

ޒަމީރުގެ ތަގުރީރުގައި ވަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު, އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުން ކުށްވެރި ކުރައްވާފަ އެވެ.

ޒަމީރު ބައިވެރިވެވަޑައިގެން އޯއައިސީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މެދުކެނޑުމެއްނެތި ވަކާލުތުކުރަމުންދާ 57 މެމްބަރު ގައުމުތަކުގެ މައްޗަށް އެކުލެވޭ ޖަމުއިއްޔާއެކެވެ. އަދި ރާއްޖެ އޯއައިސީގެ މެމްބަރު ގައުމަކަށްވީ 1976 ވަނަ އަހަރުގަ އެވެ.

އިޒްރޭލުގެ ޔަހޫދީން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް ފަލަސްތީނަށް އެހީވުމުގެ ގޮތުން މި ސަރުކާރުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން އެކި އެކި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭހެން ފަންޑް ރައިސިން ހަރަކާތްތައްވެސް ކުރިއަށް ގެންދިޔަ އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ޓެލެތޯނަށް 19 މިލިއަން ލިބުނެވެ.

އޭގެ އިތުރުން ފަލަސްތީނަށް އެހީވުމަށް އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ 50،000 ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވެ އެވެ. އެއީ ކުރިން ދެމުން ގެންދިޔަ އެހީގެ އަދަދުގެ 10 ގުނަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!