ޚަބަރު

ފެންވަރަން ހުރި މީހަކު ނެރެ ވަޅިން ހަމަލާ ދިނުމުން 7 އަހަރަށް ޖަލަށްލައިފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓު

މީހަކު ފެންވަރަން ހުއްޓާ ނެރެ، އެ މީހާއަށް ވަޅިން ހަމަލާދިންކަމުގެ ކުށުގައި މީހަކު 7 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by Sosun Fihaara

އެ މައްސަލާގައި ހުކުމް ކޮށްފައިވަނީ މ. ގޯލްޑަންލީފް, އަހުމަދު ނަބީލްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ނަބީލަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 16 ވަނަ ދުވަހުގެ ރޭ 7:30 ގައި މާލޭ ގޭގެ ކޮޓަރިއެއްގެ ފާހާނާގައި ހުރި އަހުމަދު ވިޝާމް ނަމަކަށް ކިޔާ މީހަކު ފެންވަރަން ހުއްޓައި ނެރެ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުުގެ ކުށުގެ ދައުވާގަ އެވެ.

އަނިޔާލިބުން މީހާ ކޯޓުގައި ބުނީ އެރޭ އޭނާ ފެންވަރަން ހުއްޓާ އޭނާގެ ކޮޓަރި ތެރޭގައި ހުރި ޝިޔާއު ސިރާޖު، ނަމަކަށް ކިޔާ މީހަކު އެހެން މީހަކަށް ގުޅާ "މިއީ ރަނގަޅު ގަޑިއެއް" ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ކޮޓަރިއަށް އަންނަން އިތުރު މީހަކަށް ޝިޔާއު ދައުވަތުު ދިން ކަމަށް ވިޝާމް ބުންޏެވެ.

ވިޝާމް ކޯޓުގައި ބުނީ ކޮޓަރިއަށް އައީ ނަބީލު (ނައްބެ)ގެ އިތުރުން އަހުމަދު ޝިފާނު ކިޔާ މީހަކު ކަމަށެވެ. ވިޝާމް ފާހާނާގައި ހުއްޓާ ގަދަކަމުން ދޮރު ހުޅުވާ ނެރެ ކަރުގައި ވަޅި ޖައްސައި ކަރުގައި އޮތް ރިހި ދެ ފަށް ފޭރިގަތް ކަމަށް ކޯޓުގެ ހުކުމުގައި ބުންޏެވެ. އަދި އަތުގައި އޮތް ކެވެލި ކޮޅަކާއި އަތުކުރި ގަޑިވެސް ފޭރުނު ކަމަށް ވިޝާމް ކޯޓުގައި ބުންޏެވެ.

ވިޝާމް ބުނި ގޮތުން ހަމަލާދީފައިވަނީ އޭނާގެ ނިތްކުރިއާއި ވާތް ފަރާތުގެ ކޮނޑަށާއި ބުރަކަށްޓަށެވެ. ހަމަލާ ދިނުމަށް ފަހު އެ ތިން މީހުންވެސް ފިލީ އެވެ. އެ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއް ތެރޭގައި ފުލުހުންގެ ތަހުގީގަށް ވިޝާމް ދިން ބަޔާނުގައި ބުނީ، އޭނާ އަށް ހަމަލާދިނީ އެ ތިން މީހުންގެ ތެރެއިން ނަބީލް ކަމަށެވެ.

"އެ ވަގުތު އަހްމަދު ވިޝާމްގެ ހަށިގަނޑުން ދެ ތަން ޒަހަމްވެފައިވާއިރު އޭނާގެ ގައިން ލޭ އަންނަމުން ދިޔަކަމަށް އަހްމަދު ވިޝާމްއާ ދިމާވި ފުލުހުން ބުނެފައިވެއެވެ. މިފަދަ ހާލަތެއްގައި ހުރި މީހަކު އޭނާއަށް ހަމަލާދިން މީހާއާމެދު ހަދަހަދައިގެން ވާހަކައެއް ދައްކާނެކަމަށް ބެލުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ގަބޫލުކުރެވޭ ކަމެއް ނޫނެވެ." - ހުކުމް

ދައުވާއަށް އިންކާރުކޮށް ނަބީލް ކޯޓުގައި ބުނީ އެ ބުނާ ދުވަހެއްގައި އެގެއަށް ގޮސްފައިނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ވެސް ކޮށްފައިނުވާނެ ކަމަށެވެ.

އެކަމަކު އެ ވަގުތު ހުރިތަން ކޯޓުގައި އޭނާއަށް ކިޔައިނުދެވުނެވެ. އެހެން ނަމަވެސް ސިއްރު ހެއްކަކު  ފުލުހުންގެ ތަހުގީގަށް ދިން ބަޔާނާއި ސީސީޓީވީ ފޫޓޭޖުން ވިޝާމްގެ ބަޔާނަށް ބާރު ލިބޭ ކަމަށް ކަނޑައަޅާ 7 އަހަރަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!