މާލޭގައި ބާވެފައި ހުރި ދެ އިމާރާތެއް ތަޅާލަނީ
މާލޭ ސިޓީގައި ބާވެފައި ހުރި ދެ އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފެށުމަށް ސިޓީސް ލޯކަލް ގަވަމެންޓް މިނިސްޓްރީއިން ތައްޔާރުވެއްޖެ އެވެ.
ސަރުކާރުން ހިންގާ "ސަރުކާރު" ވެބްސައިޓުގައި ކައުންސިލު މިނިސްޓްރީން ޝާއިއުކުރި ހަބަރެއްގައި ބުނީ އެ މަސައްކަތް ފެށުމަށް އެ މިނިސްޓްރީން ބުދަ ދުވަހު ކަމާއި ގުޅޭ މުއައްސަސާތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމާއި އެމްޓީސީސީއާއި ރޯޑް ކޯޕަރޭޝަނާއި އަދި ވެމްކޯގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ މަޝްވަރާގައި ކައުންސިލު މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވީ މާލޭގައި ވަރަށް ބޮޑަށް ބާވެފައިވާ 4 ބުރީގެ އިމާރާތަކާއި 6 ބުރީގެ އިމާރާތެއް ވަރަށް އަވަހަށް ތަޅައިލުމަށް ބޭނުންވާ ކަމަށެވެ. އެކަމުގެ އިތުުރ ތަފްސީލެއް މިނިސްޓްރީން ނުދެ އެވެ.
އެކަމުގެ އެހީތެރިކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ކަމާ ގުޅޭ މުއައްސަސާތަކުގެ ކިބައިން އެދިފައިވެ އެވެ.
މުހައްމަދު އިބްރާހިމް ވިދާޅުވީ އެ ފަދަ އިމާރާތްތަކަކީ ވަރަށް ގިނަ ބަޔަކު އުޅޭ ސަރަހައްދުގައި ހުރި އިމާރާތްތަކެއް ކަމަށް ވުމާއެކު ނުރައްކާތެރި ހާދިސާއެއް ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މ. ރަބީއުވިލާ ގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ވިދާޅުވީ އެ ގެ ހުރީ ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ ކަމަށާއި އެ ގޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނެ ކަމަށްޓަކައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްގެންދާނެ ކަމަށެވެ.