ޚަބަރު ސިޔާސީ

އެންމެ ބޮޑު ޕާޓީއަކަށް ޕީއެންސީ ހަދަން ހަރަކާތެއް ފަށައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް މާލޭގައި ހަރަކާތް ފެށުން/ ފޮޓޯ: ޕީއެންސީ

ރާއްޖޭގެ ސިޔާސީ އެންމެ ބޮޑު ޕާޓީއަށްވުމުގެ އަމާޒުގައި މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ފަށައިފި އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީވެސް އޮންނަ ޕީއެންސީއަށް މެންބަރުން އިތުރުކުރަން ހިންގަމުންދާ ހަރަކާތާ ގުޅޭ ގޮތުން "ދެން އޮންލައިން" އާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސެކެޓްރީ ޖެނަރަލް, ޒީނާޒު އަދުނާން ވިދާޅުވީ އެ މަސައްކަތް ފެށީ މި މަހު ކަމަށެވެ.

މެންބަރުން އިތުރުކުރުން ބޮޑަށް ކުރިއަށް ގެންދަނީ ހަފްތާ ބަންދުގައިކަން ފާހަގަކުރައްވާ ޒީނާޒު ވިދާޅުވީ އެ ހަރާކާތުގައި އިސްކޮށް ހަރަކާތްތެރިވަނީ މަޖިލީހުގެ މެންބަރުން ކަމަށެވެ. ނިސްބަތްވާ ދާއިރާތަކުން ޕާޓީއަށް މީހުން އިތުރުކުރުމުގެ މަސައްކަތް މެންބަރުން ކުރާނެ އެވެ.

ޒީނާޒު ވިދާޅުވި ގޮތުގައި މި ހަފްތާ ބަންދުގައި ޕާޓީއަށް މީހުން އިތުރުކުރުން ކުރިއަށްދަނީ މާފަންނު އަދި ވިލިމާލޭގަ އެވެ. ހަފްތާ ބަންދުގައި ގާތްގަނޑަކަށް 12 ދާއިރާއެއްގައި ޕާޓީގެ މެންބަރުން ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް މި ޕާޓީ, ޕީއެންސީވުން" - ޒީނާޒު

ޒީނާޒު ވިދާޅުވީ ލިބެމުންދާ ތަރުހީބަށް ބަލާލުމުން ގިނަ ބަޔަކު އެ ޕާޓީއާ ގުޅެން ބޭނުންވެފައިވާކަން ހާމަވެގެންދާ ކަަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައިވާ ގޮތުން ނަމަ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހަށް ޕީއެންސީގައި ތިބި މެންބަރުގެ އަދަދަކީ 28,704 އެވެ. ޕީޕީއެމްގައި ދަފްތަރު ކުރެވިފައި ތިބީ 34،827 އެވެ.

50,980 މެންބަރުންނާއެކު އެންމެ ގިނަ ބަޔަކު ރަޖިސްޓްރީވެފައި ތިބީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!