ޚަބަރު

ވެރިކަން ނިމުނުއިރު އާރްޑީސީ އޮތީ ފައިދާގައި، މިހާރު އުޅެނީ އުވާލަން: މޫކޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މޫސާ އަލި މަނިކު (މޫކޭ)/ ފޮޓޯ: ދެން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމިނުއިރު ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އޮތީ ފައިދާގައި ކަމަށާއި، މި ސަރުކާރުން އުޅެނީ އެ ކުންފުނި އުވާލަން ކަމަށް އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލި މަނިކު (މޫކޭ) މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މޫކޭ އެހެން ވިދާޅުވީ, މި ސަރުކާރުން އެ ކުންފުނި ހިންގަން ހަވާލުކުރި މެނޭޖްމެންޓުން އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭ ގޮތުންނާއި ކުރީގެ މެނޭޖްމެންޓާއި ގުޅޭ ގޮތުން މަޖިލީހުގެ އެސްއީއޯ ކޮމިޓީގައި ދައްކާފައިވާ ވާހަކަތަކަށް ރައްދު ދިނުމަށް މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަގަ އެވެ.

"އަޅުގަނޑުމެން ނިކުމެގެން އައިއިރު ފައިދާވާ ކުންފުންޏެއް މިހާރު ކުންފުނީގެ ހާލު ދަށްކޮށްގެން, ކުންފުނި ކުރީގައި ޕީޕީއެމް ވެރިކަން ލިބުނުއިރު ހުރި ގޮތަށް އުވާލަން މިސްރާބު ހިފާފައި އޮތްތަން މިފެންނަނީ" މޫކޭ ވިދާޅުވީ, އާރުޑީސީގެ ފަހު ކުއާޓާގައި އެ ކުންފުންޏަށް 131 މިލިޔަން ރުފިޔާގެ ފައިދާވި ކަމަށެވެ.

އަދި އެކުންފުނީގެ ފައިދާ, މަޖިލިސް އިންތިޚާބާ ދިމާކޮށް ހަތަރު ކުންފުންޏަކަށް ބަހާލި ކަމަށާއި, އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ "ނިޔަދުރު" ކިޔާ ކުންފުންޏަކާއި, ޗައިނާގެ ދެ ކުންފުނި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ, ފައިދާގައި އޮތް ކުންފުންޏަކަށް އެކި ނަން ނަމުގައި ކޮލްސަންޓުންނޭ ކިޔާ ބޮޑެތި މުސާރަ ދީގެން ބަޔަކު ނަގައި, ކުންފުނި ހިންގާނެ ގޮތެއް ނޭނގި ކުންފުނި މިހާރު ދަރުވާލާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގައި މިމަހު މުސާރަ ދެވޭ ވަރަށް ވެސް ފައިސާ ނެތް ކަމަށާއި, މިދިޔަ މަހު ވެސް މުސާރަ ދީފައިވަނީ ފިނޭންސް މިސްޓްރީގެ އެހީތެރި ކަމާއެކުގައި ކަމަށެވެ.

އޭގެ އިތުރުން ކުންފުނިން 500 އެއްހާ މުއައްޒަފުން ވަކިކުރަން މިހާރުގެ މެނޭޖްމެންޓުން އަމާޒު ހިފާފައި ހުރި ކަމަށާއި, މިހާރު ވެސް 300 އެއްހާ މީހުންނަށް ވަޒީފާއިން ވަކިކުރަން ސިޓީ ފޮނުވާފައިވާ ކަމަށް މޫކޭ ވިދާޅުވި އެވެ.

އެއާއެކު, ލިޔެކިޔުން ނެތި 161 މިލިއަން ރުފިޔާގެ ޕޭމެންޓު ހަދާފައިވާ ކަމަށް މިހާރުގެ މެނޭޖުމެންޓުން ބުނާތީ އެފަދަ ބޮޑު އަދަދެއްގެ ފައިސާ ގެއްލުވާލާފައިވާ ކަމަށްވާނަމަ އެ މައްސަލައެއް ބަލަން ޖެހޭނެ ކަމަށާއި، އެ ފައިސާ އަނބުރާ ހޯދަން ޖެހޭނެ ކަމަށް ވެސް މޫކޭ ވިދާޅުވި އެވެ. އަދި ކުންފުނީގެ ޕޮލިސީ ހެދުމުގައި އުޅުނު މުވައްޒަފުން ފުލުހުންގެ ތަހުގީގަށް ނުގެންދާ ކަމަށާއި، އެ ސިޔާސަތުތަކާ ނުލައި ސިޔާސަތުތަކާ ހިލާފަށް ކުރީގެ މެނޭޖުމެންޓުން ކަމެއް ކުރިކަން ނޭނގޭނެ ކަމުގައި މޫކޭ ވިދާޅުވި އެވެ.

ކުންފުންޏަކީ އަލަށް ގާއިމުކުރެވުނު ކުންފުންޏެއް ކަމަށްވާއިރު 2022 ވަނަ އަހަރުން ފެށިގެން ޑިޖިޓަލް ނިޒާމެއް ގާއިމުކޮށް އެ ނިޒާމު މެދުވެރިނުކޮށް ޕޭމެންޓު ނުހެދޭ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!