ޖިހާދުގެ މައްޗަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުالله ޖިހާދުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޖިހާދުގެ މައްޗަށް ދައުވާކުރަން ހުށަހެޅީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖޮއިންޓްވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރި މައްސަލައެއްގަ އެވެ.
އެ އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ ސަރުކާރަށް 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށެވެ. އެހެންނަމަވެސް އޭރު ނެޝަނަލް ޕްލޭނިން ކައުންސިލުން ލަފާ ދީފައިވަނީ ސްޕެޝަލް ޓޫރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 އިންސައްތަ ހިއްސާ އޮންނަން ޖެހޭނެ ކަމަށެވެ.
އެ މައްސަލާގައި ޖިހާދުގެ މައްޗަށް ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ފޮނުވި އެވެ. އެހެންނަމަވެސް އެ މައްސަލަ ބެލޭނެތަނެއް ނެތް ކަމަށް ބުނެ ކޯޓުން އެ މައްސަލަ ބޭރުކޮށްލި އެވެ.
އެކަމާ ގުޅިގެން ޕީޖީއިން ބުނި އެ މައްސަލަ އިއްޔެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި މައިގަނޑު މަގްސަދެއްގެ ގޮތުގައި ޕީޖީއިން ފާހަގަކޮށްފައިވަނީ ކްރިމިނަލް ކޯޓުން އެ ނިންމުން ނިންމުގައި ގާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމެވެ. އަދި ނިންމުމަށް ވާސިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތް ކަމަށް ޕީޖީއިން ފާހަގަކުރި އެވެ.