ޗައިނާގެ އެހީގަ މާލޭ މަގުތައް ހަދާނީ ފެން ބޮޑުވާ މައްސަލަ ހައްލުވާނެ ގޮތަށް: މުއްތޮލިބު
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ފެން ބޮޑުވުމުގެ މައްސަލަ ހައްލުވާ ގޮތަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ.އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު 11 އިން ފެށިގެން މާލޭގައި ފެންބޮޑުވާން ފަށާފައިވާއިރު މުއްތޮލިބު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުތައް ހެދުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށެވެ. އެގޮތުން ސްޓޯމްވޯޓާ މެނޭޖްމެންޓް ސިސްޓަމެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އވެ.
"މި ޕްރޮޖެކްޓަކީ މުޅި މާލެ ސާވޭ ކުރެވި ޑިޒައިން ކުރެވިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުއަކަށްވާތީ، މަޝްރޫއު ނިމޭއިރު މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ހައްލުވެގެން ދާނެ" މުއްތޮލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު މި ދިމާވާ މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިނދޭ ގޮތައް ޑިޒައިން ކޮށްފައިވާ ގޮތަށް މަސައްކަތް ކޮށްފައި ނުވުން ކަމަށެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ "ލެޓާސް އޮފް އެކްސްޗޭންޖް" ގައި ޗައިނާއާއެކު ޖުލައި 23 ވަނަ ދުވަހުގައި ވަނީ ސޮއިކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި މި އަހަރުގެ ކުރީކޮޅު ޗައިނާއަށް ވަޑައިގެން މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ވަނީ ހަމަޖައްސާފަ އެވެ. އަދި އެ ފައިސާއިން މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވެ އެވެ.