ދެއްކީ ނަމޫނާ, ކާރިސާއިން އަރައިގަންނަން މެމްބަރުންނާ އެމްޑީން މަގުތަކަށް
މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، އެސްއޯއީތަކުގެ މެނޭޖިންގް ޑިރެކްޓަރުން މަގުތަކަށް ނިކުމެއްޖެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބުތަކުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެން ވަންނަމުން ދާއިރު ފުލުހުންނާއި ސިފައިން އަދި ސްކައުޓުންނާއި ކެޑޭޓުންވެސް ދަނީ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ. މިމަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސައިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އިމްރާން ލަތީފު ވަނީ ވެލި ބަސްތާ އުފުލަން ނިކުމެވަޑައިގެންފަ އެވެ.
މީގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމްވެސް ވަނީ ވިއްސާރައިގައި އެ ދާއިރާގެ ގެތަކަށް ލިބުނު ގެއްލުންތައް ބައްލަވާލައްވައި ރައްޔިތުންގެ ހާލަތު އޮޅުންފިލުވަން ގޭގެއަށް ޒިޔާރާތް ކުރައްވައިފަ އެވެ.
ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން، ވެމްކޯ އާއި ފުލުހުން ގުޅިގެން ވެލި ބަސްތާ ޖެހުމަށް ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެކުންފުނީގެ އެމްޑީއާއި ޑީއެމްޑީވެސް ވަނީ މަގުތަކަށް ނުކުމެވަޑައިގެންފަ އެވެ. އެމަސައްކަތުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ސްޓެލްކޯއިންވެސް ދަނީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ. ސްޓެލްކޯގެ މަސައްކަތުގައި އެކުންފުނީގެ އެމްޑީވެސް ގެންދަވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންކަން ފާހަގަކޮށްލެވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަން މިއަދު އިއުލާން ކުރައްވައިފަ އެވެ.
ހުޅަނގު މޫސުމުގެ މާ ނަކަތަކީ އާންމުކޮށްވެސް ބޯކޮށް ވާރޭ ވެހޭ ނަކަތެކެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ހަފްތާއެއްހާ ދުވަހަށް ދެމިގެން ހިނގައިދާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރެ އެވެ.