ޚަބަރު ރައްޔިތުންގެ މަޖިލިސް

 ވަޒީފާއާ ބެހޭ ބިލަށް ޓްރޭޑް ޔޫނިއަންގެ ބަހެއް ނުހޯދާތީ ކަންބޮޑުވެއްޖެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ: މަޖިލިސް

ގައުމީ ސަލާމަތީ ނަޒަރަކުން މަސައްކަތްތެރިން ލޭބަލްކޮށް، ބަސް ބުނުމުގެ ދޮރުތައް ބަންދު ކުރުން ބަލައިނުގަނެވޭނެ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ބުނެފި އެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވަނީ ވަޒީފާ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ބިލާ ގުޅޭގޮތުން ގުޅުންހުރި އިދާރާތަކުގެ ކޮމެންޓާއި އާންމުންގެ ހިޔާލު ވަނީ ހޯދާފަ އެވެ. ބިލުގައި ހުރި ބައެއް މާއްދާތަކާ ގުޅިގެން މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގާފައިވެ އެވެ.

އެމްޓީޔޫސީން އަންގާރަ ދުވަހުގެ ރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ގައުމީ ސަލާމަތީ ނަޒަރަކުން މަސައްކަތްތެރިން ލޭބަލްކޮށް، ބަސް ބުނުމުގެ ދޮރުތައް ބަންދު ކުރުން ބަލައިނުގަންނަ ކަމަށެވެ.

"ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް މި ޔޫނިއަންއަށް ފުރުސަތު ނުދީ ކޮމިޓީ މަރުހަލާ ނިންމާލުމަކީ ކަންބޮޑުވުމެއް،" އެމްޓީޔޫސީން ބުނެފައިވެ އެވެ.

ވަޒީފާ އާ ބެހޭ ގާނޫނުގެ މާއްދާތަކަށް ޔޫނިއަނުން ވަނީ އިސްލާހުތައް ވެސް ހުށަހަޅާފަ އެވެ. އެގޮތުން ހުށަހަޅާފައިވާ އިސްލާހުތަކަކީ:

  • މަސައްކަތްތެރިން، ބިދޭސީން ހިމެނޭހެން ގައުމީ ސަލާމަތަށް ނުރައްކަލެއް ގޮތުގައި ސިފަކޮށްފައި އޮތް އޮތުން އުނިކުރުން
  • ބިދޭސީ މަސައްކަތްތެރީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރުމުގެ ބާރު ލޭބަ މިނިސްޓަރަށް ލިބިދޭ މާއްދާ އުވާލުން
  • މި މާއްދާގެ ދަށުން ކޮންމެ ދާއިރާއަކަށް ކަނޑައެޅޭ ކޯޓާތަކުގެ އަދަދާ އަދި ކޯޓާ ދޫކުރެވިފައިވާ މިންވަރު އެނގޭނެހެން، ކޮންމެ އަހަރަކު ހަތަރު ފަހަރު އާންމުކުރުން
  • ދިވެހިރާއްޖޭގެ މުހިންމު ސިނާއަތްތަކަށް ކޯޓާގެ މިންގަނޑުތަކެއް ކަނޑައެޅުން

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!