ޚަބަރު

ކުޑަކުއްޖެއްގެ މައްސަލާގައި އިސްކުރު މަދު ކަމަށް ބުނެ ދޫކޮށްލި މީހާގެ ހުކުމް ބާތިލުކޮށްފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އެ މައްސަލަ އަލުން ބަލަން ކޯޓުން ވަނީ ހުކުމްކޮށްފައި/ ފޮޓޯ: މިހާރު

"އިސްކުރު މަދު މީހެއް" ކަމަށް ބުނެ ކުޑަކުއްޖެއްގެ މައްސަލާގައި ހިމެނޭ މީހަކު ދޫކޮށްލި މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފި އެވެ.

Ads by MWSC

ހައިކޯޓުން އެ ހުކުމްކުރީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ބެލި މައްސަލައެއް ދައުލަތުން އިސްތިއުފާނު ކުރުމުންނެވެ.

އެ މައްސަލަ އަކީ ޝިފާއު މުހައްމަދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އުފިލި މައްސަލައެކެވެ.

ޖޫން 24, 2021 ޝިފާއުގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މުޖުތަމައުގައި ބޭނުންކޮށްއުޅޭ "މީހަކީ އިސްކުރު މަދު މީހެއް" ކަމަށް ބުނެއުޅޭ ހާލަތުގައި ހުރި މީހަކު ކަމަށް ބުރަވެވޭ ކަމަށެވެ.

އޭގެ އިތުރުން ވިސްނައިގަތުމަށާއި ދިފާއުގައި ވާހަކަދެއްކުމަށް ނުކުޅެދިގެންވާކަން މަދަނީ މިންގަނޑަށް ސާބިތުވާކަމަށް ތިނަދޫ ކޯޓުން އެ މައްސަލަ ބެއްލެވި ގާޒީ ނިހާމް މުހައްމަދު ކުރެއްވި ހުކުމުގައި ބުނެ އެވެ.

އެ މައްސަލާގެ އިސްތިއުނާފުގައި ޝަރީއަތުން ބުނީ މެންޓަލް ސަބްނޯމަލިޓީއެއް ހުރުމަކީ އޭގެ ޒާތުން ދައުވާ ލިބިގަތުމަށް ހުރަހަކަށް ވެދާނެ ފަދަކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ޝަރީއަތުން ބުނެފައިވަނީ ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތަކީ މުޖުތަމައުގައި ބޭނުންކޮށްއުޅޭ "މީހަކީ އިސްކުރޫމަދު މީހެއް" ކަމަށް ބުނެއުޅޭ ހާލަތުގައި ހުރި މީހަކުކަމަށް ފަނޑިޔާރަށް ބުރަވެވުނު ގާނޫނީ އަސާސް ސާފު ނުވާ ކަމަށެވެ.

ހައިކޯޓުން ނިންމުން ބާތިލުކުރި އެވެ. އަދި 7 ދުވަހުގެ ތެރޭގައި ދައުލަތުން މި މައްސަލަ ކޯޓަށް ހުށަހަޅައިފިނަމަ ޝިފާއުގެ މެޑިކަލް އެގްޒެމިނޭޝަނަކީ ގާނޫނާ އެއްގޮތަށް ހަދާފައިވާ މެޑިކަލް އެގްޒެމިނޭޝަނެއްކަން ކަށަވަރުކޮށް ދިފާއު ލިބިގެންވޭތޯ އަލުން ބަލައި އެ ހިސާބުން ފެށިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ހައިކޯޓުން ހުކުމްކުރި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!