ޚަބަރު އިޖުތިމާޢީ

ގައުމަށް ރީތި ނަން ހޯދުން އުފަލަކަށް ވާން ވާނެ: ސާޖިދާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޗީފް ގައިޑް ސާޖިދާ: ވިދާޅުވީ ރީތި ނަން ހޯދައި ދިނުމަކީ ކޮންމެ ކުއްޖެއްގެ ވެސް އުފަލަކަށް ވާން ވާނެ ކަމަށް / ފޮޓޯ:ރައީސް އޮފީސް

ގައުމަށް ރީތި ނަން ހޯދައި ދިނުމަކީ ކޮންމެ ކުއްޖެއްގެ ވެސް އުފަލަކަށް ވާން ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެކަމަނާ މިހެން ވިދާޅުވީ ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ސަލާހުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"މިއީ އަންހެން ދަރީން ބިނާ ކުރުމުގެ ހަރަކާތެއް. ތަރުބިއްޔަތާއި އަހުލާގުގެ ހަރަކާތެއް. ހުނަރާއި ހޭލުންތެރިކަމުގެ ހަރަކާތެއް. ސަގާފީ ސިންދަފާތުތަކާއި އަންހެނުން ބާރުވެރިވުމާއި ބައިނަލްއަގުވާމީ ގުޅުންތަކަށް ލޯހުވާލަދޭ ހަރަކާތެއް،" ސާޖިދާ ވިދާޅުވި އެވެ.

އެކަމަނާ ފާހަގަކުރެއްވީ ގާލްގައިޑް ހަރަކާތުގައި ބައިވެރިވެ، ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމަކީ ގައުމަށް ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގަ އެވެ. "އޭގެ ލާބަ ކުރިމަގުގައި އާއިލީ ހަޔާތުންނާއި އިޖުތިމާއީ ހަޔާތުންނާއި ގައުމީ ހަޔާތުން ވެސް ފެންނާނެ ކަމެއް،" ވިދާޅުވި އެވެ.

މި ކޭމްޕަކީ އެކި ގައުމުތަކުން ބައިވެރިވާ ބައިނަލްއަގުވާމީ ހަރަކާތެއްކަން ފާހަގަކުރައްވައި، ކޭމްޕްގެ ތެރެއިން ގައުމު ފުރިހަމައަށް ތަމްސީލުކޮށްދިނުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ. ވިދާޅުވެފައި ވަނީ ކޮންމެ ދަރިވަރަކު އަބަދުވެސް ވަރަށް މުހިންމު ދެ ކަމެއް ހަނދާނުގައި ބަހައްޓަން ވާނެ ކަމަށެވެ.

"އެއީ އަހަރެންމީ މުސްލިމެއްކަން. އަހަރެންމީ ދިވެއްސެއްކަން. ދީނަށް ފަރުވާތެރިވުމާއި ދިވެހި ގައުމަށް ރީތި ނަން ހޯދައިދިނުމަކީ ކޮންމެ ކުއްޖެއްގެ ވެސް އެންމެ ބޮޑު އުފަލަކަށް ހަދަން ވާނެ،" ސާޖިދާ ވިދާޅުވި އެވެ.

ވިދާޅުވި ގޮތުގައި ހޭލުންތެރިކަމާއި ހުނަރުވެރިކަމާ އަދި ފަރުވާތެރިކަމާ އެކު ބިނާވާ ކުއްޖަކު ވާނީ ގައުމީ އުދަރެހުގައި ފިޔަޖަހާލާނެ ތަރިއަކަށް ކަމުގަ އެވެ. ދިރިއުޅުމުގައި ކާމިޔާބު ދަރިއަކަށް ކަމުގަ އެވެ. ކުދިންގެ ކިބައިން މައިންބަފައިންނާއި ގައުމު ކުރާ އުންމީދަކީ އެއީ ކަމުގަ އެވެ. މާދަމާ ހިދުމަތުގެ މައިދާނުގައި އިސްވެ ތިބުން ކަމުގަ އެވެ.

ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާލްގައިޑުންނާއި 32 އެޑަލްޓް ލީޑަރުން ބައިވެރިވެ އެވެ. ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ވަނީ ކޭމްޕްގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ގައުމީ ދިދަ ހަވާލުކޮށްދެއްވާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!