ލޭނު އެޅުމާ ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން އުޅޭތީވެ އެކަމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީން ބޭރުކޮށްލައިފި އެވެ.
ލޭނު އެޅުމާ ދެކޮޅަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ 11 މެންބަރެކެވެ. އަދި އެ މައްސަލަ ބަލައިނުގަތުމަށް 47 މެންބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވަނީ އެންމެ މެންބަރަކެވެ.
މައްސަލަ ހުށަހަޅުއްވަމުން މަޓޭ ވަނީ ފިޝަރީޒް މިނިސްޓްރީން ލޭނު އެޅުމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމުން ބަދަލުކުރުމަށް މަޓޭ ވަނީ ގޮވާލާފަ އެވެ.
މަޓޭ ވިދާޅުވީ ފާއިތުވެދިޔަ ސަރުކާރު ތަކުގައި އެކި ފަހަރުގެ މަތިން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމި ކަމަށެވެ. އެހެން ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އެ ނިންމުން ތަންފީޒުކޮށްފައި ނުވަނީ މައިގަނޑު ސަބަބުތަކެެއް ހުރެގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަބަބުތަކެއްގެ ގޮތުގައި މަޓޭ ވިދާޅުވީ ކަނޑުގެދިރުން ތަކާއި ހަލާކު ވެ ދިއުމަށް މަގުފަހިވާތީއާއި މަސްވެރިކަމުގެ އަމާޒަކަށް ވެފައި ނުވާ އެތައް ދިރުން ތަކެއްވެސް ލޭނު މަސްވެރިކަމުގެ ނުސީދާ ޝިކާރައަކަށްވެ މަސްވެރިކަމުގެ ސިނާއަތަށް ތަފާތު ގޮތް ގޮތުން ގެއްލުމާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
ލޭނު އެޅުމުގެ ހުއްދަ ދީފިނަމަ ކުރިމަތިވެދާނެ ގެއްލުން ތަކާއި ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން މަސްވެރިންނާއި ފަތުވެރިކަމާ ގުޅޭ ސިނާއަތާ ފަރާތްތަކާއި އަދި ތިމާވެއްޓާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރަން ވަކާލާތު ކުރާ ފަރާތްތަކުން ވެސް ކަންބޮޑުވުންތައް އެބަ ހުރި ކަމަށް މަޓޭ ފާހަގަކުރި އެވެ.
އޭނާ ވިދާޅުވީ ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުން ތަންފީޒުކޮށްފިނަމަ އޭގެ ސަބަބުން ނިކުމެދާނެ ނޭނދެވޭ ނަތީޖާއަށް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ.
މަސްވެރި އާއިލާއަށް ކުރާނެ ނޭދެވޭ އަސަރު ފާހަގަކުރައްވާ މަޓޭ ވިދާޅުވީ ބޮޑުކަންނެލި މަސްވެރިކަމަށް ލޭނުއަޅަން ހުޅުވާލުމާއެކު އެކަމަށް ކުރުމުގެ ހުއްދައާއި ކޯޓާ ލިބުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެގެންދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވިޔަފާރިވެރިންނަށް ކަމަށެވެ.
އެ ކޯޓާ ހޯދުމުގެ ފުރުސަތު ރާއްޖޭގެ މަސްވެރިންގެ ނުލިބުމުގެ ނަތީޖާއަކަށް ވާނީ އެ މީހުންގެ އާމްދަނީއާއި ވިޔަފާރިތަކާއި ކުރިއަރާ ނުގޮސް މަސްވެރިކަން ބަނގުރޫޓުވެގެންދާނެ ކަމަށް މަޓޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސްވެރިކަން ހުއްދަ ކުރުމުގެ ސަބަބުން ދިވެހި ރާއްޖޭގެ ވެއްޓާއި ތިމާވެއްޓާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ދިގު ރާސްތާގެ ފޫނުބެއްދޭނެ ވަރުގެ ގެއްލުން ތަކެއް ކުރާނެ ކަމަށެވެ.
ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމުމުން އެކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ޕެޓިޝަނެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ ބްލޫ މެރިން ފައުންޑޭޝަނާއި ގުޅިގެން ރާއްޖޭގެ މަދަނީ ޖަމިއްޔާތަކެއް ހިމެނޭ މޯލްޑިވްސް އޯޝަން އެލަޔަންސް އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ލޯންޗުކޮށްފައިވާ ޕެޓިޝަނުގައި މިހާތަނަށް 12,000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.