ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކުރަން ފާސްކޮށްފި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރުުމުގައި އިހުމާލުވެފައިވާތީ މަގާމުން ވަކިކުރަން ނިންމާފައިވަނީ އެ ޓްރިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީއާއި ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލު އަދި މެންބަރު އަހުމަދު އަޝްރަފްގެ ހަދީޖާ ނައީމެވެ.
މިއަދުގެ ޖަލްސާގައި ރައީސަށް ލަފާދިނުމަށް 63 މެންބަރުން ވޯޓު ދެއްވިއިރު 10 މެންބަރަކު ވޯޓު ދެއްވާފައިވަނީ ލަފާދިނުމަށް ނުފެންނަ ކަމަށެވެ.
އެގޮތަށް ލަފާދޭން ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޓީން ކުރި ދިރާސާ އަށް ފަހު އެވެ.
އެ މައްސަލާގައި އެ ކޮމިޓީގެ 7 ބައްދަލުވުމެއް ބާއްވާފައިވާއިރު ޓްރައިބިއުނަލަށް ކޮމިޓީގެ މެންބަރުން ޒިޔާރަތްކުރެއްވި އެވެ. އޭގެ އިތުރުން އެކަމުގެ މައުލޫމާތު ސާފުކުރުމަށް އެ ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް އަދި މެންބަރުން އެ ކޮމިޓީއަށް ހާޒިރުކުރި އެވެ.
ދިރާސާކުރުމަށްފަހު ހުށަހެޅި ރިޕޯޓުގައި ނިންމާފައިވާ ކަންކަމުގެ ގޮތުގައި އެ ކޮމިޓީގެ މުގައްރިރު, މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ވިދާޅުވީ އެ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަ ބަލާ ބެންޗު ކަނޑައެޅުމުގައި މެންބަރުންގެ މެދުގައި ހަމަހަމަކަން ނެތް ކަމަށެވެ. އަދި އެއީ އެ އުސޫލާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތް އުސޫލެއް ކަމަށް ހުސްނީ ވިދާޅުވި އެވެ.
ބެންޗު ކަނޑައަޅަނީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކުރައްވާ ހުސްނީ ވިދާޅުވީ 94 މައްސަލަ ބަލާއިރު 60 މައްސަލަ ބަލާ ބެންޗުގައި އެއް މެންބަރަކު ހިމެނޭ ކަމަށާއި 32 މައްސަލަ ބަލާ ބެންޗުގައި އެއް މެންބަރަކު ހިމެނޭ ކަމަށެވެ.
ހުސްނީ ވިދާޅުވީ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަ ބެލުމުގެ ގާބިލުކަން ކޮންމެ މެންބަރެއްގެ ކިބައިގާ ހުންނަން ޖެހޭއިރު, މިހާތަނަށް އެއްވެސް ރައުޔެއް ލިޔެފައި ނުވާ މެންބަރަކު ހިމެނޭ ކަމަށެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ނިމޭ މިންވަރު މަދުކަން ފާހަގަކުރައްވާ ހުސްނީ ވިދާޅުވީ 180 ދުވަސް ތެރޭގައި މައްސަލަ ނިންމަން އޮތްއިރު އެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން 51 މައްސަލަ ހުށަހެޅުނު އިރު އޭގެ ތެރެއިން 47 މައްސަލަ އޮތީ ނުނިމި ކަމަށެވެ.
ކޮމިޓީން ނިންމާފައިވަނީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޖާގައެއްގައި އެތަން ހިންގަމުންދާތީ ހަރަދުކުޑަކުރަން އެ މަގުން މަަސައްކަތް ކުރަން އެންގުމަށެވެ. އަދި ބެންޗާއި ރިޔާސަތު ކަނޑައެޅުމުގައި އަމަލުކުރަމުންދާ އުސޫލު ކޯޓުތަކުގައި ބެންޗު ކަނޑައަޅާ އުސޫލު މުރާޖާކުމަށްވެސް ކޮމިޓީން ނިންމާފައިވެ އެވެ.