ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކޮރަޕްޝަން މައްސަލަތަކެއް މަޖިލީހުން އޭސީސީއަށް ފޮނުވަނީ
ޓެކްސް އެޕީލް ޓްރަބިއުނަލްގެ ކޮރަޕްޝަން މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެގޮތަށް ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީން ހުށަހަޅާފައިވާ މައްސަލަ ކޮމިޓީން ދިރާސާކުރުމަށްފަހު އެވެ.
އެ މައްސަލާގައި އެ ކޮމިޓީގެ 7 ބައްދަލުވުމެއް ބާއްވާފައިވާއިރު އެ ޓްރައިބިއުނަލަށް ކޮމިޓީގެ މެންބަރުން ޒިޔާރަތްކުރިއެވި އެވެ. އޭގެ އިތުރުން އެކަމުގެ މައުލޫމާތު ސާފުކުރުމަށް އެ ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް އަދި މެންބަރުން އެ ކޮމިޓީއަށް ހާޒިރުކުރި އެވެ.
އެ މައްސަލާގެ ރިޕޯޓް ހުށަހަޅަމުން އެ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކު ވިދާޅުވީ ކޮމިޓީއަށް ފާހަގަކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި ކޮރަޕްޝަންގެ ބައެއް ކަންކަން ހިމެނޭ ކަމަށެވެ. އަދި ހަރަދު ކުޑަކޮށް ކުރެވެން ހުރި ކަންކަން ނުކޮށް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.
އޭގެ އިތުރުން ޓްރައިބިއުނަލްގެ އެތެރޭގެ ހިންގުމުގައި ހުރި ކަންކަންތަކެއް ފާހަގަކުރެވިފައިވާ ކަމަށް ހުސްނީ ވިދާޅުވި އެވެ.
އެ ކޮމިޓީން ނިންމާފައިވަނީ ކޮރަޕްޝަންއާ ގުޅޭ ކަންތައްތައް ތަހުގީގުކުރުމަށް އޭސީސީ އަށް ހުށަހެޅުމަށެވެ.
އެ ނިންމުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު އޭސީސީއަށް އެ މައްސަލަ ފޮނުވުމަށް ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ.