ޚަބަރު

އާ ޕީޖީ އައްޔަންކުރަން ދައުރުން ބޭރުގައި މަޖިލިސް ބާއްވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
MAJLIS

އާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އެއް އައްޔަން ކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މަޖިލީހުގެ މިރޭގެ ޖަލްސާއަކީ މި ދައުރުގެ އެންމެ ފަހުގެ ޖަލްސާ އެވެ. މިރޭގެ ޖަލްސާގައި ކުރިއަށް ގެންދިޔައީ ވެސް ޕީޖީގެ މަގާމުން ހުސައިން ޝަމީމް ވަކިކުރުމުގެ މައްސަލަ އެވެ. މިރޭގެ ޖަލްސާގައި ޝަމީމް ވަކިކުރުމަށް 75 މެންބަރުންގެ ވޯޓުން ފާސްކޮށްފަ އެވެ.

ވޯޓަށް ފަހު ވާހަކަ ދައްކަވަމުން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނާޒިމް ވިދާޅުވީ ގާނޫނުގައި ބުނާ މުއްދަތުގައި އާ ޕީޖީއެއް އައްޔަންކޮށް ނިންމުމުގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

ޕީޖީގެ މަގާމު ހުސްވުމުން އާ ޕީޖީއެއް އައްޔަން ކުރަން ގާނޫނުން ދީފައިވާ މުއްދަތަކީ 30 ދުވަހެވެ. އެ މުއްދަތުގެ ތެރޭގައި އެ ކަމަށް ހުޅުވާލައި، އަދި ރައީސްޖުމްހޫރިއްޔާއަށް ފެންނަ ނަންތައް މަޖިލީހަށް ފޮނުވުމަށް ފަހު، މަޖިލީހުން އެއިން ނަމެއް ފާސްކުރަން ޖެހެ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ ގާނޫނު ބުނާ ގޮތުން، ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމު ފުރުއްވާ ބޭފުޅަކު އެ މަގާމަށް ގާބިލް ނޫން ކަމަށް ނުވަތަ މަގާމާ އެކަށޭނަ ނޫން ކަމެއް ކުރި ކަމަށް މަޖިލީހުގެ ކޮމިޓީއަކަށް ފެނިއްޖެ ނަމަ އެ މައްސަލައެއް މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއަކަށް ބެލޭނެ އެވެ.

އަދި އެ ކޮމިޓީއަށް އެ ކަން ފެނިގެން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ވޯޓުގައި ބައިވެރިވެ މެންބަރުންގެ އަގުލަބިއްޔަތުން ވަކި ކުރުމަށް ފާސްކުރުމުން މަގާމުން ވަކިވީ ކަމަށް ވެސް ޕްރޮސެކިއުޓަ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ޝަމީމް ޖަވާބުދާރީވުމަށް ކޮމިޓީއަށް ހާޒިރުކުރީ ވެސް މިއަދެވެ. އެ ކޮމިޓީ ކުރިއަށް ގެންދިޔައީ މީޑީއާއާއި އާންމުން ނުވަދެވޭ ގޮތަށް ސިއްރުކޮށްގެނެވެ. ކޮމިޓީ މެންބަރުންގެ ވޯޓަކުން ކޮމިޓީއެއް ސިއްރުކުރުމަކީ ކޮމިޓީ މެންބަރުންނަށް ލިބިދޭ ބާރެކެވެ.

ޝަމީމް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ މަގާމުން ވަކިކުރަން ޖުޑީޝަރީ ކޮމީޓީން ނިންމި ނިންމުން ތަޅުމަށް ހުށަހަޅަން މިރޭ ޖަލްސާ ފަށައި ކުރިއަށް ދަނިކޮށެވެ. އިސްތިއުފާ ދިން ކަމަށް ޕީޖީ އޮފީހުން ބުނި ނަމަވެސް މަޖިލީހުގެ ޖަލްސާގައި ޝަމީމް މަގާމުން ވަކިކުރަން ވޯޓަށް އެހީ އެ ސިޓީ މަޖިލީހަށް ނުލިބޭ ކަމަށް ބުނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!