ބަޔާނުން ދޭހަވީ ބޭންކަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް، ބަހައްޓާ ފައިސާއާ މެދު ޔަގީންކަމެއް ނެތް: މަޓޭ
ސަރުކާރު ހިއްސާވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިވެގެން އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުސް އޮފީހުން ރޭ ނެރުނު ބަޔާނުން ދޭހަވީ ބީއެމްއެލް އަކީ ޓެރަރިސްޓު އޯގަނައިޒޭޝަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ސިފަކުރައްވައިފި އެވެ.
ރޭ އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ފުލުހުންގެ ބަޔާނަށް އިޝާރާތް ކުރައްވާ މަޓޭ ވިދާޅުވީ ބޭންކުގައި ރައްޔިތުން ފައިސާ ރައްކާކުރަނީ ވަރަށް ބޮޑު އިތުބާރެއް ކޮށްފައި ކަމަށެވެ. އެކަމަކު ބަޔާނުން ދޭހަވީ އެތައް ބައެއްގެ ފައިސާ އަށް ނުފޫޒު ފޯރުވުމަންދާ ކަމުގެ އިޝާރާތެއް ކަމަށެވެ.
މަޓޭ ވިދާޅުވީ ބޭންކަށް ޖަމާކުރާ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަންވެސް މިހާރު ނެތް ކަމަށެވެ.
"މިއަދު އެ ސިޓީ ނުވަތަ ތަހުގީގަށް ބަލާލާއިރު ބޭންކް އޮފް މޯލްޑިވްސް އަކީ ޓެރަރިސްޓު އޮގަނައިޒޭޝަނެއް ގޮތުގައި އަޅުގަނޑުމެންނަށް ފުލުހުންގެ ބަޔާނަށް ބަލާފައި މާނަކުރެވޭ ކަމުގައި ވަންޏާ އަޅުގަނޑު ދަންނަވާނީ އެންމެހާ ދިވެހި ރައްޔިތުންވެސް މާދަމާއިން ފެށިގެން ބޭންކަށް ފައިސާ ޖަމާ ނުކުރުމަށް." މަޓޭ ވިދާޅުވިއެވެ.
ބީއެމްއެލްގެ މުވައްޒަފުން ނުވަތަ ބޯޑު މެންބަރުން ވަކިކޮށް، ތަހުގީގެއް ހިންގައިގެން ރާއްޖޭގެ މާލީ ހާލަތުގެ ރަނގަޅު ކުރެވިދާނެތޯ މަޓޭ ސުވާލު އުފެއްދެވި އެވެ.
"މި ބޭފުޅުން މިއުޅެނީ މި ބިރުދެއްކުމުގެ ތެރެއިން، ފަހަރުގާ ސްޓޭޓް އޮފް އެމެޖެންސީއެއް އިއުލާން ކުރައްވަފާނެ މާލީ ހާލަތާ ގުޅިގެން" މަޓޭ ވިދާޅުވި އެވެ.
މަޓޭ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފައިސާއާ ސަރުކާރުން ބޭނުންހާ ގޮތަކަށް ކުޅެ، އެ ފައިސާއަށް ބޭނުންހާ ގޮތެއް ހެދުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެއީ ވަރަށް ނުރައްކާތެރި ހާލަތެއްކަންވެސް މަޓޭ ފާހަގަކުރެއްވި އެވެ.
ފުލުހުންގެ ބަޔާނަށް މަޓޭ ފާޑުވިދާޅުވެފައިވާއިރު ގާނޫނު ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ވަނީ ފަށާފަ އެވެ. އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ބޭންކުން ގެންނަން އުޅުނީ ސީދާ "ބަގާވާތެއް" ކަމަށް ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުއިއްޒުވެސް ވަނީ ތުހުމަތުކުރައްވާފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އިސްތިއުފާދޭން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ގޮވާލައްވާފަ އެވެ.