ސްތްރީ 2 ގެ ކާމިޔާބީއަށްފަހު ޝްރައްދާ ލަގްޝަރީ އެޕާޓްމެންޓެއް ގަނެފި
މިހާރު ސިނަމާތަކުގައި ކާމިޔާބު ކަމާއިއެކު ދައްކަމުންދާ "ސްތްރީ 2" ގެ ބަތަލާ ޝްރައްދާ ކަޕޫރު ލަގްޝަރީ އެޕާޓްމެންޓެއް ގަނެފި އެވެ.
2018 ވަނަ އަހަރުގެ ހޮރޯ ކޮމެޑީ "ސްތްރީ" ގެ ސީކުއަލް ރިލީޒް ކުރީ މިހިނގާ އޯގަސްޓު މަހުގެ ތެރޭގަ އެވެ. ފިލްމަށް ދެހަފްތާ ވީއިރު 500 ކްރޯރް ރުޕީސްއަށްވުރެއް ބޮޑު އާމްދަނީއެއް ވަނީ ހޯދައިފަ އެވެ. އެއާއެކު މި އަހަރު ބޮލީވުޑްއިން ރިލީޒްކުރި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ޖާގަ "ސްތްރީ 2" ވަނީ ކަށަވަރު ކޮށްފަ އެވެ.
ފިލްމުގެ ކާމިޔާބީއާއެކު ޝްރައްދާގެ ފިލްމީ ހަޔާތަށްވެސް ވަނީ ކުރިއެރުންތަކެއް އައިސްފަ އެވެ. އެގޮތުން ރިތިކު ރޯޝަން ލީޑް ރޯލުން ފެންނަ ފްރެންޗައިޒް "ކްރިޝް" ގެ ހަތަރުވަނަ ސީކުއަލްގައި ބަތަލާގެ ރޯލު ޝްރައްދާއަށް ހުށަހަޅާފައިވާކަމަށް ހަބަރުތައް ބުނެ އެވެ. "ކްރިޝް 4" ގެ ޕްރީ ޕްރޮޑަކްޝަން މިހާރު ވަނީ ފަށައިފަ އެވެ.
ޝްރައްދާ މިހާރު ދިރިއުޅެމުން ދަނީ ރިތިކުވެސް ދިރިއުޅޭ ޖޫހޫގައި ހުންނަ އިމާރާތެއްގެ އެޕާޓްމެންޓެއްގަ އެވެ. އެ އެޕާޓްމެންޓުގައި އޭނާ ދިރިއުޅެނީ މަހު ކުއްޔަށެވެ. ހަބަރުތައް ބުނާ ގޮތުގައި ޝްރައްދާ މިހާރު ވަނީ އަކްޝޭ ކުމާރް އާއި އާއިލާ ދިރިއުޅޭ ލަގްޝަރީ އިމާރާތަކުން އެޕާޓްމެންޓެއް ގަނެފަ އެވެ. އެތަނަށް ބަދަލުވާން ޝްރައްދާ ތައްޔާރުވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
ޝްރައްދާގެ އިތުރުން ރާޖްކުމާރު ރާއޯ ލީޑް ރޯލުން ފެންނަ "ސްތްރީ 2" އަކީ ޑައިރެކްޓަރު އަމަރު ކައުޝިކްގެ ހޮރޯ މަލްޓިވާސްގެ އެއް ފްރެންޗައިޒް އެވެ. 2018 ގެ "ސްތްރީ" އަށްފަހު އަމަރު ނެރުނު "ބޭޑިއާ" ގައި ޝްރައްދާގެ ކެމިއޯއެއް ފެނުނެވެ. "ސްތްރީ 2" ގައި "ބޭޑިއާ" ގެ ލީޑް އެކްޓަރު ވަރުން ދަވަންގެ ކެމިއޯއެއް ފެނުނެވެ. އެހެންކަމުން ދެން އެންމެ އަވަހަށް އަންނާނީ "ބޭޑިއާ" ގެ ސީކުއަލްއެއްކަމަށް ބެލެވެ އެވެ.