ފްލެޓް މައްސަލަ ބޮޑުވެފައި ވަނިކޮށް، ރައީސް ޔޫނިއަންތަކާ ބައްދަލުކުރައްވަނީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާއި ގޯތިތައް މި ސަރުކާރުން ހަވާލުނުކޮށް ދިގުލައިގެންދާ މައްސަލަ ބޮޑުވެފައި އޮއްވާ ގެދޮރުވެރިކަމާއި ގުޅޭ ގޮތުން އަޑުއުފުލާ ޔޫނިއަންތަކުގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ރަސްމީ "އެކްސް" އެކައުންޓުން ގައި ކުރި ވީޑިއޯ ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފްލެޓުގެ ޔޫނިއަންތަކުގެ އިތުރުން ބޮޑު ކަންނެލީގެ ޔޫނިއަންއާވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުންތަކަކީ އެމަނިކުފާނު "ލުކް ފޯވާޑް" ކުރައްވާ ބައްދަލުވުންތަކެއް ކަމަށެވެ.
ގެދޮރުވެރިކަމުގެ މައްސަލާގައި ރައީސް ބައްދަލުކުރައްވާނީ ގެދޮރުވެރިންގެ ޔޫނިއަންތައް ކަމަށްވާ ފަހި ޔޫނިއަން, ގިރާވަރު, މާލެ ސިޓިޒަންސް އެސޯސިއޭޝަންސް, ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން, ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލެ ރަށްވެހިންގެ ޖަމިއްޔާގެ އިސްވެރިންނާ އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަދި ސިޔާސަތަކީ ކޮންމެ ދާއިރާއަކުންވެސް އެ ދާއިރާއެއްގެ މަސައްކަތްކުރާ ބައެއްގެ އަޑު އަހައިގެން ކަންކަން ބައްޓަން ކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ އެ ޖަމިއްޔާތަކުގެ އިސްވެެރިންގެ އެކި ކަހަލަ އިހުސާސްތަކާއި ކަންބޮޑުވުންތަކާއި އަދި ހިއްސާކުރަން ބޭނުންވާ ވާހަކަތައް ހިއްސާކުރަން ބޭނުންވާ ވަރަކަށް ފުރުސަތު ދެއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ބައްދަލުވުމުގެ ނަތީޖާއަކަށްވެގެންދާނީ މި ހުރިހާ ބޭފުޅުން މިދައްކާ ވާހަކަ އަޑުއަހައިގެން އިރާދަކުރެއްވިއްޔާ ކަންތައްތައް ގެދޮރުވެރިކަމުގެ ދާއިރާއިން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަންތައްތައް އަދި ކުރިއަށް އޮތް ތާގައި ނިންމަން ހުރި ކަންކަމުގައިވެސް ހިޔާލާ މަޝްވަރާ ލިބިގެން ކަންތައްތައް ނިންމުން"
މިދިޔަ ސަރުކާރުން ގިރާވަރާއި ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުނުކޮށް ގިނަ ދުވަސްތަކެއް ވަމުންދަތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ދަނީ މުޒާހަރާ ކުރަމުންނެވެ.
ހުޅުމާލޭގައި އަޅާ ފްލެޓް ލިބޭ މީހުންގެ ލިސްޓު އުވާނުލާނެ ކަމަށާއި އެކަމަކު ރިވިއުކޮށް ދާއިމީ ލިސްޓު، ފްލެޓްތަކުގެ މަސައްކަތް ނިމެންވާއިރަށް އޮކްޓޫބަރު މަހު އާއްމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަނީ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާ ބައްދަލުކުރައްވަން ރައީސް ނިންމާފައި މިވަނީ ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުން އަނބުރާ ގެންގޮސް ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ނިންމުން އަނބުރާ ގެންގޮސްފައިވަނީ އެ ޔޫނިއަންއިން ހުށަހެޅި ކަންކަމަށް ބެލުމަށް ފަހު ކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވެ އެވެ.