ކްރޮސް ބޯޑަ އިންވެސްޓްމަންޓްތަކަށް ހަރުދަނާ އޮނިގަނޑެއް ގާއިމުކުރުމަކީ އުންމީދެއް: ސީއެމްޑީއޭ
މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ އެކު، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ކްރޮސް ބޯޑަ އިންވެސްޓްމަންޓްތަކަށް ޝައުގުވެރިކުރުވާނެ ފަދަ ހަރުދަނާ އޮނިގަނޑެއް ގާއިމު ކުރުމަކީ އުންމީދެއް ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް (ސީއެމްޑީއޭ) އިން ބުނެފި އެވެ.
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނަށް އަލަށް ގެނެވުނު އިސްލާހާ ގުޅިގެން ސީއެމްޑީއޭއިން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާހަކީ އެ އޮތޯރިޓީއަށް ރާއްޖޭގައި ސެކިއުރިޓީސްގެ އިންވެސްޓްމަންޓްތައް ކުރަން ބޭނުންވާ ބޭރުގެ އިންވެސްޓަރުންނަށް ރެގިއުލޭޓަރީ އޮނިގަނޑެއް ފޯރުކޮށްދިނުމުގެ ބާރު ލިބިދޭ މާއްދާތަކެއް ހިމެނުން ކަމަށެވެ.
މަގުސަދަކީ ބޭރުގެ އިންވެސްޓަރުންނަށް ރެގިއުލޭޓަރީ ހުއްދަތައް ހޯދުމާއި މާލީ ސެކިއުރިޓީސް އާބެހޭ މުއާމަލާތްތައް ކުރަން މަގުފަހިކޮށްދިނުން ކަަމަށެވެ.
ގާނޫނީ އޮނިގަނޑަަށް ގެނެވުނު އިސްލާހުތަކަކީ ވަރަށް އުންމީދީ ފަހި ބަދަލުތަކެއް ކަމުގައި ދެކޭ ކަމަށް ސީއެމްޑީއޭއިން ބުންޏެވެ. އިސްލާހުތަކާ ގުޅިގެން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ކްރޮސް ބޯޑަ އިންވެސްޓްމަންޓްތަކަށް ޝައުގުވެރިކުރުވާނެ ފަދަ ހަރުދަނާ އޮނިގަނޑެއް ގާއިމު ކުރުމަކީ އެ އޮތޯރިޓީގެ ބޮޑު އުންމީދެއް ކަމަށެވެ.
ސީއެމްޑީގެ ބަޔާނުގައި ބުނީ ބޭރުގެ އިންވެސްޓަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތުގައި އިކޮނޮމިކް މިނިސްޓްރީ އާއި އެ އޮތޯރިޓީ އަދި މާކެޓް އިންޓަމީޑިއަރީތަކުގެ ޒިންމާތައް ބަޔާންކުރާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ އޮނިގަނޑުގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގައި ސެކިއުރިޓީސް އެކައުންޓެއް ހުޅުވުމަށާއި ރާއްޖޭގެ ބޭންކުތަކުގައި ސެކިއުރިޓީސް އިންވާޑް އިންވެސްްޓްމަންޓް އެކައުންޓެއް ހުޅުވުމަށް ބޭނުންވާ ޝަރުތުތަކާއި މިންގަނޑުތައް ހިމެނޭނެ ކަމަށެވެ.
އޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ސިނާއަތްތަކަށް ހުއްދަކުރެވިފައިވާ ގައުމީ މިންގަނޑުތައް ވެސް ހިމެނޭނެ ކަމަށެވެ. އެ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމުގެ ނިޒާމެއް އެކުލަވާލައި ތަންފީޒު ކުރެވޭނެ ކަމަށެވެ. އާ އޮނިގަނޑު ހިންގަން ގަސްދުކޮށްފައި ވަނީ މަރުކަޒީ ޑިޖިޓަލް ނިޒާމެއްގެ މެދުވެރިކޮށް ކަމަށް ސީއެމްޑީއޭއިން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި އެެހެނިހެން ހުރިހާ ބައިވެރިންގެ އެހީތެރިކަމާ އެކު، މި އިސްލާހުތަކުން އުންމީދުކުރެވޭ ނަތީޖާތައް ހާސިލުކުރަން އެ އޮތޯރިޓީން އަޒުމް ކަނޑައަޅާފައިވާކަން ވެސް ސީއެމްޑީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.