ތިނަދޫން ގޯތި ލިބުނު މީހުންގެ މެދުގައި އާދިއްތަ ދުވަހު ގުރުއަތުލަނީ
ތިނަދޫ ސިޓީން ދޫކުރާ ގޯތިތައް ލިބުނު މީހުންގެ މެދުގައި ނަގާ ގުރުއަތުލުން އަންނަ އާދިއްތަ ދުވަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެ ސިޓީން ދިރިއުޅުމަށް "ކޮންޑިޝަނަލް" ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ގައި ތިނަދޫ އާބާދީ މަރުކަޒުގައި ކަމަށެވެ. ހަމަ އެ ދުވަހު ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތީގެ ސަރަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ވެސް ކުރިއަށްދާނެ ކަމަށެވެ.
ތިނަދޫ ސިޓީން ގޯތިތައް ދޫކުރުމަށް އިއުލާނުކުރީ މިދިޔަ އެޕްރީލު މަހު އެވެ. ދޫކުރުމަށް ހަމަޖެއްސި 200 ގޯއްޗަކީ 1،500 - 2،000 އަކަފޫޓުގެ ގޯތިތަކެކެވެ.
ގޯތި ލިބޭ މީހުން ކަނޑައެޅުމުގެ ގޮތުން އުސޫލާ އެއްގޮތަށް ޕޮއިންޓް ލިބުނު ތަރުތީބުން ގޯތި ހަމަޖައްސާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. އެގޮތުން ކެޓެގަރީ "އޭ" އަށް ކަނޑައެޅިފައިވާ 120 ގޯތީގެ ތެރެއިން 78 ޕޮއިންޓަށް ވުރެ މަތިން ލިބިފައިވާ ފަރާތްތަކާއި ކެޓެގަރީ "ބީ" އަށް ކަނޑައެޅިފައިވާ 66 ގޯތީގެ ތެރެއިން 48 ޕޮއިންޓްއަށް ވުރެ މަތިން ލިބިފައިވާ ފަރާތްތަކަށް ގޯތި ލިބުނުކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
"އެހެންކަމުން ކެޓެގަރީ A އިން 77 ޕޮއިންޓް ލިބުނު ފަރާތްތަކާއި އަދި ކެޓެގަރީ B އިން 47 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ޓަކައި ގުރުއަތު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ،" އިއުލާނުގައިވެ އެވެ.
އިތުރަށް ބުނި ގޮތުގައި ކެޓެގަރީ "ސީ" އިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް، ކަނޑައެޅިފައިވާ އަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތައް ހަމަވެ ޔަގީން ކުރެވިފައިވާ ކަމަށެވެ. ވުމާ އެކު އެ ކެޓެގަރީއަށް ގުރުއަތުލުމުގެ މަރުހަލާ ނުބާއްވާނެ ކަމުގަ އެވެ.
ގުރުއަތުލުމަށް ހާޒިރުވާ މީހަކީ ގޯއްޗަށް އެދުނު މީހާ ކަމަށް ނުވާ ނަމަ، އެ މީހާއަކީ ބަދަލުގައި ފޮނުވާފައިވާ މީހެއްކަން އަންގައިދޭ ލިޔުމަކާއި ބަދަލުގައި ފޮނުވާ މީހާގެ އައިޑީ ކާޑުގެ ކޮޕީ އާއެކު ގޯތި ލިބޭ މީހާގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންދަން ޖެހެ އެވެ.
އަދި ގުރުއަތުލުމަށް ހާޒިރުނުވެވި ނުވަތަ ބަދަލުގައި މީހަކު ނުފޮނުވޭ ނަމަ، ގުރުއަތުލުން ކުރިއަށް ގެންދާނީ އެ ކައުންސިލުން ކަމަށް ވެސް އިއުލާނުގައި ވަނީ ފާހަަގަކޮށްފަ އެވެ.
ކޮބައިތޯ ހދ.ނޮޅިވަރަންފަރު ހައުސިން ޔުނިޓު
ކިހާ ރަނގަޅު ކައުންސިލް އެއް އޮންނަ ރށެއްތީ ގައިމު.