އިންޑިއާގެ ފިލްމީތަރިއެއް އަނެއްކާވެސް އަމިއްލައަށް މަރުވެއްޖެ
އިންޑިއާގެ ތެލުގޫ އެކްޓެރެސްއެއް ކަމަށްވާ ސްރަވާނީ ކޮއްޑަޕަލީ އަމިއްލައަށް މަރުވެއްޖެއެވެ.
"އިންޑިއަން ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްރަވާނީ ދަންޖެހިގެން މަރުވެފައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު ފެނިފައިވަނީ ހައިދަރު އާބާދުގައި އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައެވެ.
ސްރަވާނީގެ އާއިލީ މެމްބަރުންނާއި ހަވާލާދީ މީޑިއާ ބުނެފައިވާ ގޮތުގައި ސްރަވާނީގެ ލޯބިވެރިޔާ ދޭވްރާޖު ރެޑީ ގެންދިޔައީ އޭނާގެ ފޮޓޯތަކެއް ދައްކާ ބުލެކް މެއިލް ކުރަމުންނެވެ. އެހެންކަމުން ސްރަވާނީގެ އެންމެ ފަހު ދުވަސްތައް ހޭދަ ކުރަމުން ދިޔައީ ހާސްކަމާއި ބިރުވެރިކަމުގެ ތެރޭގައި ކަމަށް ޚަބަރުތައް ބުނެފައިވެއެވެ.
ސްރަވާނީއާއި ދޭވްރާޖު ބައްދަލުވީ ޓިކްޓޮކުން ކަމަށާއި އޭގެ ފަހުން ދެމީހުން ގުޅުން ބަދަހިވެ ، ދެމީހުންގެ ގުޅުން ލޯތްބަށް ބަދަލުވެގެން ދިޔަ ކަމަށް ޚަބަރުތައް ބުނެފައިވެއެވެ. އަދި އޭގެ ފަހުން ދޭވްރާޖު ، ސްރަވާނީގެ ފޮޓޯ ނަގާ ބުލެކްމެއިލް ކުރަމުން ގެންދިޔަ ކަމަށާއި އެ މައްސަލަ އޭނާ ފުލުހުންނަށް ހުށަހެޅި ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ.
އެންމެ ހިތްހަމަޖެހުމާއި އެންމެ އުފަލުގައި އުޅޭ ކަމަށް ގިނަ ބަޔަކަށް ވިސްނޭ "ތަރިން" އަމިއްލައަށް މަރުވުމާއި ، މަސްތުވާތަކެތި ބޭނުން ކުރުމާއި ހިތާމަވެރި ހަޔާތެއް ހޭދަ ކުރާ ޚަބަރުތަކަކީ އާންމު ޚަބަރުތަކެކެވެ.
އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދުވެސް ނުކުރުމަށެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.