ޚަބަރު

ބޭރަށް ކިޔަވަންދާ ދަރިވަރުން އެމްބަސީގައި ރަޖިސްޓްރީ ވާން އިލްތިމާސްކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މަތީ ތައުލީމް ހާސިލްކުރަން ރާއްޖެއިން ބޭރަށް ފުރާ ދަރިވަރުން އެ ގައުމުގެ ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

Ads by Sosun Fihaara

ތުރުކީގެ ފަރާތުން ދިވެހި ދަރިވަރުންނަށް ލިބިފައިވާ ސްކޮލޮޝިޕްތަކުގައި ކިޔެވުމަށް ފުރުސަތު ލިބި، ފުރުމަށް ތައްޔާރުވެފައިވާ ދަރިވަރުންނަށް، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ އިން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ފޮރިން ސެކެޓްރީ، ބައިލޭޓްރަލް ޑރ. ހާލާ ހަމީދު ވިދާޅުވީ އެމްބަސީގައި ރަޖިސްޓްރީވުމުން، ދިމާވާ ކަންކަމުގައި އެމްބަސީ އިން ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީ މުއާމަލާތްކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"ތުރުކީގައިވާ ރާއްޖޭގެ އެންބަސީ އިން އެ ގައުމުގައި، މަތީ ތައުލީމު ހާސިލުކުރަމުންދާ އެންމެހާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީކަން އަޅުގަނޑު އަރުވަން"

މީގެ އިތުރުން ހާލާ ވިދާޅުވީ ދިވެހި ދަރިވަރުންނަށް ލިބުނު ތުރުކީ ސްކޮލާޝިޕްގެ ފުރުސަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ކާމިޔާބީ ކަމަށެވެ.

ތުރުކީގެ އާދަކާދާއި ސަގާފަތްތަކަށް އަހުލުވެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށްވެސް ހާލާ ފާހަގަކުރި އެވެ.

ތުރުކީން ހުޅުވައިލި އެ ސްކޮލާޝިޕްގައި، ބެޗްލާސް ޑިގްރީ، މާސްޓަސް ޑިގްރީ އަދި ޕީއެޗްޑީ ޑިގްރީގެ ފުރުސަތުތައް ހިމެނެއެވެ. އަދި މި ފުރުސަތުތަކުގެ ތެރެއިން، މިހާތަނަށް 14 ދަރިވަރުން ވަނީ ސްކޮލަޝިޕް އަށް ހޮވި، އޭގެ ތެރެއިން 11 ދަރިވަރުން ތުރުކީވިލާތައް ފުރުމަށް ތައްޔާރުވެފައިވެ އެވެ.

Ads by HDC