ފިހާރައެއްގެ ވަތްގަނޑުން 300 ޑޮލަރު ނެގި މީހަކު 11 މަހަށް ޖަލަށް
ޗާންދަނީމަގުގައި ހުންނަ ސްވެނިއާ ފިހާރައެއްގެ އެލާމް ސިސްޓަމް ހަލާކުކޮށްގެން ވަދެ, އެ ފިހާރައިން ވައްކަން ކުރި މައްސަލާގައި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ސ. ހިތަދޫ, މުހައްމަދު އަސްލަމްގެ މައްޗަށެވެ.
މިދިޔަ ޖޫން 24 ވަނަ ދުވަހުގެ ދަންވަރު ހިނގި އެ ހާދިސާއާ ގުޅިގެން އަސްލަމްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލި އެވެ. އެއީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.
އެ ތިން ދައުވާއަށް ވެސް އަސްލަމް އިއުތިރާފުވެފައިވެ އެވެ. އަދި އެންމެ ލުއި އަދަބެއް ދިނުމަށް އެދުނެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެ ފިހާރައިގެ ކޭޝް ޑްރޯވާއިން 300 ޑޮލަރު ނަގާފައިވާތީ އެވެ. އެ ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
އޭގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެ ފިހާރަ ބަންދުކޮށްފައި ހުއްޓާ ހުއްދަ ނެތި ވަދެފައިވާތީ އެވެ.
އެ ކުށުގެ އަދަބަކީ 6 މަހަށް ޖަލަށްލުމެވެ. އަދި މުދަލަށް ގެއްލުމުގެ ދައުވާ އުފުލާފައިވަނީ އެ ފިހާރައިގެ ވަންނަ ދޮރުކައިރީގައި ހުރި އެލާމް ސިސްޓަމްގައި އޭނާ ގެންގުޅުނު ކަށިގަނޑުން ޖަހައި ހަލާކުކޮށްލާފައި ވާތީ އެވެ. އެ ކުށުގެ އަދަބަކީ 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.
އިއުތިރާފުވެފައިވާތީ އަދަބު އެއް ދަރަޖަ ދަށްވި ނަމަވެސް ކުށުގެ ރިކޯޑަށް ބަލާ ކުށްކުރި ތާރީހުން ފެށީގެން ފާއިތުވި 2 އަހަރު ގެ ތެރޭގައި ޖުނަހްގެ ކުށެއް ސާބިތުވެފައިވާތީ 1 ދަރަޖަ މަތިވާނެ އެވެ.
އަދި އެ މުއްދަތުގައި މިފަދަ ކުށެއް ސާބިތުވި ދެ ވަނަ ފަހަރު ކަމަށްވާތީ އެއް ދަރަޖަ މަތިވެ އެވެ. އެހެންކަމުން އަސްލަމްގެ އަދަބު ކަނޑައެޅިގެންދާނީ ދެ ދަރަޖަ މަތިކުރުމަށްފަހު އެއް ދަރަޖަ ދަށްކޮށްފަ އެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުންގެ ކުށުގައި ތަހުގީގުގެ މަރުހަލާގައި ހޭދަކުރި 28 ދުވަސް އުނިކުރުމަށްފަހު ދަރަޖަތަކަށް ބަދަލު އައުމަށްފަހު އަސްލަމް އެ ކުށުގައި ތަންފީޒުކުރަން ޖެހޭ އަދަބަކީ 5 މަހާއި 2 ދުވަސް ކަމަށް ކަނޑައެޅި އެވެ.
އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށަކީ މި ހާދިސާގައި ކޮށްފައިވާ ދެވަނައަށް އެންމެ ބޮޑު ކުށަށްވާއިރު އަދަބު ކަނޑައަޅަން ޖެހެނީ މުއްދަތު ދެބައިކުޅަ އެއްބަ އެވެ. އެހެންކަމުން އެ ކުށުގައި ތަންފީޒުކުރަން ޖެހޭ އަދަބަކީ 3 މަހެވެ.
މުދަލަށް ގެއްލުމުގެ ދައުވާއަކީ އެ ހާދިސާގައި ހިމެނޭ ކުށްތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު ކުށަށްވާއިރު އަދަބު ކަނޑައަޅަން ޖެހެނީ ހަތަރުބައި ކުޅައި އެއްބައެވެ. އެހެންކަމުން އެ ކުށުގައި އަސްލަމް ތަންފީޒުކުރަން ޖެހޭ ޖަލު އަދަބަކީ 22 ދުވަހެވެ.
އެހެންކަމުން އަސްލަމް ތަންފީޒުކުރަން ޖެހޭ އަދަބަކީ 8 މަހާއި 24 ދުވަހެވެ.