ޚަބަރު ވިޔަފާރި

ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން, އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުން / ފޮޓޯ:އެމްޕީއެލް

ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން، މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) ގެ ދަތުރުތައް ދިވެހިރާއްޖެއަށް ފަށައިފި އެވެ.

Ads by STELCO

އެމްއެސްސީން ރާއްޖެއަށް އައި ފުރަތަމަ ބޯޓު، "އެމްއެސްސީ އެފް މަނާސާ" ވަނީ އިއްޔެ މާލޭގައި ބަނދަރުކޮށްފަ އެވެ. އެ ބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ވޯޓަ ސެލިއުޓްއެއް ދީފަ އެވެ.

އެމްއެސްސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް އެމްޕީއެލް އާއި އެމްއެސްސީގެ ލޯކަލް އެޖެންޓް، ސެންޗޫރިއަން އާ ގުޅިގެން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ބޯޓުގެ ކެޕްޓަނަށް އެމްޕީއެލް އަދި ސެންޗޫރިއަންގެ ފަރާތުން ހަނދާނީ ފިލައެއް އެރުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން, އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުން / ފޮޓޯ:އެމްޕީއެލް

އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވަނީ އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ސެންޗޫރިއަނުން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޖީހު ފާހަގަކުރެއްވި އެވެ.

ސެންޗޫރިއަންގެ މެނޭޖިން ޑިރެކްޓަރު އައިމަން ޖަލީލް ވިދާޅުވީ އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެމްޕީއެލްގެ ފަރާތުން ކަމަށެވެ. އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ވިޔަފާރީގެ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމުގައި ސިފަކުރެއްވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން, އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުން / ފޮޓޯ:އެމްޕީއެލް

އެމްއެސްސީގެ ބޯޓުން 800 ކޮންޓޭނަރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ޖެނެރަލް ކާގޯ އެވެ.

Ads by Allied Insurance