ޚަބަރު ދީން

ފާހިޝް އަމަލުތަކުން ސަލާމަތް ކުރެވޭނީ ޒުވާނުންނާއި ދަރިންގެ އަތުގައި ޝައިތާނާ ހިފުން މަނާކޮށްގެން: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ / ފޮޓޯ:ދެން އިމޭޖްސް

ޒިނޭ އާއި ފާހިޝް އަމަލުތަކުން ޒުވާނުންނާއި ދަރިން ދުރުކުރެވޭނީ ރަނގަޅަށް ތަރުބިއްޔަތުކޮށްގެން ކަމަށާއި އެމީހުންގެ އަތުގައި ޝައިތާނާ ހިފުން މަނާކޮށްގެން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by Hajj Corporation

ޒިނޭ ކުރުމާއި ފާހިޝް އަމަލުތަކުގެ ނުބައި ކަމަށް އަލިއަޅުވާލައި ހުތުބާގައި ބުނީ އިސްލާމްދީނަކީ އިއްފަތްތެރިކަމާއި ތާހިރުކަމުގެ ދީން ކަމަށެވެ. މާތް ﷲ ވަނީ މުސްލިމުންގެ މައްޗަށް ހުރިހާ ބާވަތެއްގެ ބަދުއަހުލާގީ އަމަލުތަކާއި ފާހިޝް އަމަލުތައް ހަރާމް ކުރައްވާފައި ކަމަށެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި ފާހިޝް އަމަލަކީ ޒިނޭ ކަމަށާއި އެއީ އެކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު އަމަލެއް ކަމަށެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭ ކުރުން އާންމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވާ ކަމަށެވެ.

ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުވެދާ ކަަމަށެވެ. އާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވާ ކަމަށެވެ. ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ހަރާމް އެތައް ފާފަތަކަކަށް އަރައިގަންނަ ކަމަށެވެ. މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"އަދި ތިޔަބައިމީހުން ޒިނޭ އާ ގާތް ނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވި އެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެ އެވެ."

ޒިނޭއަކީ ހައްދު ކަނޑައެޅިފައިވާ ކުށެކެވެ. އެއީ ނުބައިވެގެންވާ އަމަލަކަށްވީއިރު، އެކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާ އަދި އެކުވެރީންގެ އާއިލާތައް ފަސާދަކޮށް، އެމީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުން އުޅެ އެވެ. އެމީހުން އެ ފާހިޝު އަމަލުގައި ވަނިކޮށް މަރު ގެންނެވުމަކީ ވެސް ވެދާނެ ކަމެކެވެ. މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިސްލާހު ވުމަށެވެ. އިސްލާހު ނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވަ އެވެ.

ހުކުރު ހުތުބާގައި ބުނި ގޮތުގައި ފާހިޝް އަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނަ ކަމުގަ އެވެ. އެފަދަ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބަލީގެ އިތުރުން މަކުނުވިދުރި ހިމެނޭ ކަމުގަ އެވެ. އިލްމުވެރިން ސިފަކުރައްވާ ގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަހުލާގީ އަމަލުތަކަށް ﷲ ދެއްވި ދުންޔަވީ ސަޒާއެއް ކަމުގަ އެވެ.

ފާހިޝް އަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވެވޭނީ އިސްލާމީ އުސޫލުތަކަށް ތަބާވެގެން ކަމުގަ އެވެ. ކައިވެނިން ބޭރުގައި ޖިންސީ އަމަލުތައް ހިންގުމާ މުޅިން ދުރުހެލިވެގެން ކަމުގަ އެވެ. މާތް ﷲ މި ކަމުގެ އިން ބަޔާންކުރައްވާފައިވާ ކަމުގަ އެވެ.

"އަދި އެއުރެންނީ، އެއުރެންގެ ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ. އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީ އެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެ ކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަހައްދު) ފަހަނަޅައިދާ މީހުންނެވެ."

މިއަދުގެ ހުތުބާގައި ބުނީ ދުނިޔޭގެ އަހުލާގު ފާސިދުވެ ހަލާކުވެގެން ދިޔައީ ކުއްލިއަކަށް ނޫން ކަަމަށެވެ. އެކަންވީ ﷲ ގެ މަންހަޖާ އެކަހެރިވުމާއި ލަދުވެތިކަމާއި އިންސާނީ ކަރާމާތް ވަޅުލުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެއީ މިނިވަންކަމުގެ ދަޅައިގައި ޖެހި ތިމާގެ ލަގަން ތިމާގެ ހަވާނަފުސަށް މުޅިން ދޫކޮށްލުމުގެ މުސީބާތް ކަަމަށެވެ. އިސްލާމްދީނުގައި ވަނީ މިފަދަ ވަބާތަކުން ސަލާމަތްވާނެ މަގުތައް ދައްކަވާފައި ކަމަށެވެ. އެއީ ﷲ ގެ އަމުރުފުޅުތަކަށް ތަބާވެ، މުންކަރާތްތަކުން ދުރުހެލިވެގެން ކަމަށެވެ.

"ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތް ކުރެވޭނީ މައިންބަފައިންނާއި ތައުލީމުދޭ މުއައްސަސާތަކުންނާއި ހަބަރުފަތުރާ ވަސީލަތްތަކުން އެފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންނެވެ. ޒުވާނުންނާއި ދަރިން ރަނގަޅަށް ތަރުބިއްޔަތުކޮށްގެންނެވެ. އެމީހުންގެ އަތުގައި ޝައިތާނާ ހިފުން މަނާކޮށްގެންނެވެ،" 

ޒިނޭ އާއި ފާހިޝް އަމަލުތަކުން ދުރުހެލިވުމަށް ނަމާދު ގާއިމުކުރުންމަތީ ދެމިތިބުމަށާއި ކުޅަދާނަކަން ލިބިގެންވާ މީހާ ކައިވެނި ކުރުމަށާ އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާ ސުންނަތް ރޯދަ ހިފުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ. އަދި ފާހިޝް އަމަލަކަށް އަރައިގަނެވިފައިވާ މީހާ ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވުމަށް އިލްތިމާސްކުރި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!