ޚަބަރު އިޖުތިމާޢީ

ފެން ހިންދާ ނިޒާމްތައް ގާއިމްކުރުމުގެ މަސައްކަތް މި މަހު ނިންމަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ވަގުތީ ފެންހިންދާ ނިޒާމުގެ މަސައްކަތުގެ ތެރެއިން/ ފޮޓޯ:ކޮންސްޓްރަކްޝަން މިނިސްޓްރީ

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ވަގުތީ ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މިމަހުގައި ނިންމަން މަސައްކަތް ކުރާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރީން ހާމަކޮށްފި އެވެ.

Ads by MWSC

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ރަސްފަންނު ސަރަހައްދުގައި ފެން ހިންދުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ހަފްތާއެއް ތެރޭގައި ނިންމާލެވެނެ ކަމަށެވެ.

އަދި އާޓިފިޝަލް ބީޗް ސަރަހައްދުގައިވެސް އެ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ނަޒީމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން މި ސަރަހައްދު ތަކުގައި ފެން ހިންދާ ނިޒާމްތައް ގާއިމްކޮށް ނިންމާނެ ކަމަށެވެ.

"މި ޕްރޮޖެކްޓުގެ ތެރެއިން އާންމު ގޮތެއްގައި ކުރަމުންދާ މަސައްކަތަކީ އަޅުގަނޑުމުންގެ ކަލެކްޝަން ވެލްއެއް މި ހެދެނީ އެއްގަމު ތޮށި ކައިރީގައ. އެ ވަޅަށް އަޅުގަނޑުމެން އެ ހިސާބުގައި ޖަމާވާ ފެންތައް ކަލެކްޓް ކޮށްގެން ގެންދެވޭ ނިޒާމެއް ޓްރެންޗްތަކެއް ބަހައްޓައިގެން މި އަޅަނީ. އެހެންމަ ޓްރެންޗްތައްވެސް މިހާރު މަގުގަ ކާސްޓުކުރުމުގެ ބަދަލުގައި އާރްޑީސީގެ ސައިޓް ތަކުގައި، ތިލަފުށީ ސައިޓުގައި އަޅައިގެން އެ ބޭފުޅުން އެ ގެންނަނީ."

އެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށްދާ ކަމަށް ނަޒީމް ވިދާޅުވި އެވެ. އެގޮތުން މަގު ކޮނެގެން ގިނަ ވަގުތުތަކެއް ހޭދަ ނުކޮށް އެއް ރެއެއްގެ ދަން ގަޑީގައި ޓްރެންޗްތައް އަޅާ ނިންމާލާ، ހެނދުނު ވާން ވާއިރަށް އާންމުންނަށް މަގު ބޭނުން ކުރެވޭ ވަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީނީ މަގު ފެން ހިންދުމުގެ މަސައްކަތް ހައްލު ނުވާކަން ފާހަގަކުރައްވާ ނަޒީމް ވިދާޅުވީ އެމަގަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގައި ހުރި ޕަންޕާއި އަހުމަދިއްޔާ ސްކޫލް ކައިރީ ޕާކިން ޒޯންތެރޭގައި ހުރި ފެންހިންދާ ނިޒާމްގެ ޕަމްޕާއި ސްޓޭޑިއަމް ތެރޭގައި ހުރި ފެން ޕަންޕް އެއްކޮށް ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ކުރިން އެތަންތަނުގައި ހުރި 9 ކިލޯވޮޓުގެ ޕަމްޕުގެ ބަދަލުގައި އެއިން ކޮންމެ ތަނަކަށް 20 ކިލޯވޮޓުގެ 2 ފަންޕު ބަހައްޓާފައިވާނެ. މިއާއެކު މާލޭގައި ބަހައްޓާފައި ހުރި 14 ފެންހިންދާ ޕަންޕް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރަމުންދަނީ"

މީގެ އިތުރުން ނަޒީމް ވިދާޅުވީ އަމީނީ މަގު ޓީވީ ބިލްޑިން ހިމެނޭ ސަރަހައްދުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ސަރުކާރުން ވަނީ މާލޭގެ 6 ސަރަހައްދެއްގައި ވަގުތީ ފެން ހިންދާ ނިޒާމުތައް ގާއިމުކުރުމަށް ނިންމާފަ އެވެ.

ބޯކޮށް ވާރޭވެހޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ ތިން ސަރަހައްދެއްގައި، ގާއިމުކޮށްފައިވާ ވަގުތީ ފެންހިންދާ ނިޒާމުތައް ބޭނުންކުރަން ވަނީ ފަށާފަ އެވެ.

އެގޮތުން ވެސްޓް ޕާކް ސަރަހައްދާއި ވިލިމާލެ ފެރީ ޓާމިނަލް ކައިރި އާއި އައިޖީއެމްއެޗް ކައިރީގައި މި ނިޒާމް ވަނީ ގާއިމްކޮށްފަ އެވެ. އެ ނިޒާމް ޖުމްލަ 6 ސަރަހައްދެއްގައި ގާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ސަރަހައްދުތަކުން ވަގުތީ ގޮތުން ފެން ހިންދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ މޭ މަހުގެ 10 ވަނަ ދުވަހު އެވެ.

އެމްއެންޑީއެފްއިން ބުނީ އައިޖީއެމްއެޗް ސަރަހައްދުގައި ޑްރެއިނޭޓް ވޯޓާ ސިސްޓަމްއެއް ގާއިމުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ އެއީ ފެންބޮޑުވުމުގެ މައްސަލަ ވަގުތީ ގޮތުން ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ނަތީޖާ ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ސްޓޯމްވޯޓަ މެނޭޖްމަންޓް ސިސްޓަމް މެއިންޓެއިންކޮށް ބަލަހައްޓަނީ ކޮންސްޓްރަކްޝަން މިނިސްޓްރީންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!