ރަސްފަރި ފަރު އިޔާދަކުރުމުގެ މަޝްރޫއަށް އެމްޑަބްލިއުއެސްސީން އެހީތެރިކަން ފޯރުކޮށްދެނީ

ރަސްފަރި ފަރު އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނިންމައިފި އެވެ.
ރަސްފަރި ފަރަކީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. އެއީ މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދެވެ. އެހެންނަމަވެސް 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ރަސްފަރި ފަރަށް ބާޖެއް އަރައި 2،800 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހަލާކުވެފަ އެވެ.
ރަސްފަރި ފަރު އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑަބްލިއުއެސްސީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ދެެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ރިސާޗް އުޅަނދު، އާރުވީ ތިމާވެށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފަހުމުނާމާގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. އީޕީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީގެ ޑިރެކްޓަ ޖެނެރަލް، އިބްރާހިމް ނައީމެވެ. ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީ އާއި އީޕީއޭގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރަސްފަރި ފަރު އިޔާދަކުރުމުގެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދޭން ފަހުމުނާމާއެއްގައި ސޮއިކުރުން / ފޮޓޯ:އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީން ބުނީ އެ ފަހުމުނާމާގެ މަގުސަދަކީ އީޕީއޭއިން އިސްނަގައިގެން ކުރިއަށް ގެންދާ ރަސްފަރީގެ ފަރުތަކާއި މުރަކަތައް އާރާސްތުކޮށް، އަލުން އިޔާދަކުރުމުގެ މަޝްރޫއަށް އެ ކުންފުނިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން މަޝްރޫއުގައި ބޭނުންކުރަމުންދާ އާރުވީ ތިމާވެށި އުޅަނދުގައި އެ ކުންފުނިން ފެން ޕްލާންޓެއް ބެހެއްޓުމާއި ސާވޭ ކުރުމަށް ބޭނުންވާ ސާމާނު ހޯދައިދިނުން ހިމެނޭ ކަމަށެވެ. އަދި އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މަޝްރޫއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމާއި ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ވެސް ހިމެނޭ ކަމަށެވެ.
އެ ފަހުމުނާމާ އަކީ ރާއްޖޭގެ ކަނޑުގެ ވެށި ރައްކާތެރިކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެއް ކަމުގައި އެމްޑަބްލިއުއެސްސީން ބުނެ އެވެ.
އިތުރަށް ބުނި ގޮތުގައި ތިމާވެށި ހިމާޔަތްކޮށް އަދި ރައްކާތެރި ކުރުމަށް ކުރިއަށް ގެންދެވޭ މިފަދަ ހަރަކާތްތަކަށް އެ ކުންފުނިން އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކަމުގަ އެވެ.