ހުސްވެފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރާނެ 4 ފަރާތެއް ކަނޑައަޅައިފި
ހުސްވެފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އައްޔަންކުރާނެ 4 ފަރާތެއް ކަނޑައަޅައިފި އެެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހެވެ. އެގޮތަށް ލަފާދޭން ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޓީން ކުރި ދިރާސާ އަށް ފަހު އެވެ.
އެ މަގާމަށް އާންމުކޮށް އިއުލާނުކޮށްގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 13 ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުވި އެވެ.
އެ ބޭފުޅުންގެ ތެރެއިން އެ 4 މަގާމަށް އައްޔަންކުރާނެ ބޭފުޅުން ކަނޑަައެޅުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެ ކޮމިޓީއިން އެ މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓު މުގައްރިރު, މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް މަޖިލީހަށް ހުށަހެޅުއްވި އެވެ.
ހުސްނީ ވިދާޅުވީ އެ ބޭފުޅުން ޝަރުތުފުރިހަމަވޭތޯ ކަމާބެހޭ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތު ހޯދައި ކަށަވަރުކޮށް, އެ ބޭފުޅުންގެ އިންޓަވިއު ވެސް ނެގި އެވެ. އޭގެ އިތުރުން އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް ހުށަހެޅިން ނަމަވެސް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށް ހުސްނީ ވިދާޅުވި އެވެ.
އާންމު ކޮމިޓީގައި މާކްސް ދޭ އުސޫލުން އިންޓަވިއުގައި މާކްސްދީ, 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބުނު 7 ބޭފުޅެއްގެ ނަން އެ ރިޕޯޓްގައި ހިމަނާފައިވެ އެވެ.
75 އިންސައްތައަށްވުރެ މަތިން މާކްސް ލިބުނީ:
- އަބްދުލް ޣަނީ މުހައްމަދު, ހ. ހޯސްސައިޑް, 93 އިންސައްތަ
- އިބްރާހިމް ޝަރީފް, ގ. އަލިޝާ, 84 އިންސައްތަ
- ހަސަން ޒުހައިރު މުހައްމަދު, ގ. މާވަރުލު, 83 އިންސައްތަ
- މުހައްމަދު އަމީން ޒާހިރު, ނީލާ, ސ. ހިތަދޫ, 78 އިންސައްތަ
- އަބްދުالله އަބްދުލް ހަކީމް, އަޒާން ޕެލަސް, ޅ. ނައިފަރު, 76 އިންސައްތަ
- އަލީ ރިޒާ އިސްމާއިލް, ހުޅުމާލެ ހިޔާ 2/13/03, 76 އިންސައްތަ
- ޝިފްޒާ އަބްދުލް ގައްޔޫމް, ގަސްދޮށުގެ, ގއ. ނިލަންދޫ, 75 އިންސައްތަ
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަކިވަކިން ވޯޓަށް އަހާފައިވާއިރު އަބްދުލް ޣަނީއާއި އިބްރާހިމް ޝަރީފާއި ހަސަން ޒުހައިރު މުހައްމަދު އަދި ޝިފްޒާ އަބްދުލް ގައްޔޫމްގެ ނަން ފާސްވެފައިވަނީ 68 މެންބަރުންގެ އިއްތިފާގުންނެވެ.
މުހައްމަދު އަމީން ޒާހިރުގެ ނަމަށް ވޯޓަށް އެހުމުން އެ ނަން ބަލައި ނުގަތުމަށް 53 މެންބަރުންގެ ވޯޓުދެއްވާފައިވާއިރު އެ ނަން ބަލައިގަތުމަށް ވޯޓު ދެއްވީ 7 މެންބަރެކެވެ. އަދި އަބްދުالله އަބްދުލް ހަކީމްގެ ނަން ބަލައި ނުގަތުމަށް 52 މެންބަރުން ވޯޓު ދެއްވިއިރު ނަން ބަލައިގަތުމަށް 7 މެންބަރުން ވޯޓު ދެއްވި އެވެ.
އޭގެ އިތުރުން އަލީ ރިޒާ އިސްމާއިލްގެ ނަން ބަލައިނުގަތުމަށް 51 މެންބަރުން ވޯޓު ދެއްވިއިރު ބަލައިގަތުމަށް ވޯޓު ދެއްވީ 8 މެންބަރެކެވެ.
ޓެކްސް އެޕީލް ޓްރިބިއުނަލްގެ ކުރީގެ މެންބަރުން ވަކިކުރީ:
- މައްސަލަ ބަލާ ބެންޗު ކަނޑައެޅުމުގައި މެންބަރުންގެ މެދުގައި ހަމަހަމަކަން ނެތް
- މިހާތަނަށް އެއްވެސް ރައުޔެއް ލިޔެފައި ނުވާ މެންބަރަކު ހިމެނޭ
- ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ނިމޭ މިންވަރު މަދުވުން
އޭގެ އިތުރުން ޓެކްސް އެޕީލް ޓްރިބިއުނަލްގެ ކޮރަޕްޝަންގެ ބައެއް ކަންކަން ހިމެނޭތީ އެކަންކަން ބެލުމަށް އޭސީސީއަށް ފޮނުވަން ނިންމާފައިވެ އެވެ.