އާސަންދައިގެ ދަށުން އާންމުކޮށް ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެންނަނީ
އާސަންދައިގެ ދަށުން އާންމުކޮށް ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެންނަން ނިންމައިފި އެވެ.
ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)އިން މިރޭ ނެރުނު ބަޔާނުގައި ބުނީ އާސަންދައަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެވޭ އަދި ދެމެހެއްޓެނިވި ތަނަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އަދި އެ މަގުސަދު ހާސިލުކުރުުމުގެ ގޮތުން އާސަންދައިގެ ދަށުން އެންމެ އާންމުކޮށް ދޫކުރާ 250 ބޭހުގެ އަގު ބައި ބަޔަަށް ބަހާލައިގެން ބަދަލުގެންނަން ނިންމާފައިވާ ކަމަށް އެ އޭޖެންސީން މިރޭ ވަނީ ބުނެފަ އެވެ.
އެގޮތުން އަންނަ މަހު އެކަކުން ފެށިގެން 87 ބޭހެއްގެ އަގަށް ބަދަލެއް އަދި އަންނަ މަހު 24އިން ފެށިގެން 126 ބޭހެއްގެ އަގަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އަދި އެއާއެކު ކުރިން އަގުބޮޑުކޮށް ވިއްކަމުން ދިޔަ ބޭސްތަކުގެ އަގު ހެޔޮކުރެވި ބޭހަށް ކުރަމުން ދިޔަ ހަރަދުގެ ތެރެއިން 200 މިލިއަން ސަލާމަތްކުރެވޭނެ ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.
އެ ބަދަލާ ގުޅިގެން އާސަންދަ ސްކީމް މެދުވެރިކޮށް ބޭސް ލިބުމުގެ އިންތިޒާމަަށް އެއްވެސް ބަދަލެއް ނުގެނެސް ބޭސް ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ކޮންމެވެސް އެއް ބްރޭންޑެއް އެސްޓީއޯގެ ފާމަސީތައް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
އަދި އާސަންދަ ސްކީމްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފާމަސީތަކުގެ ތެރެއިން މި ބޭސްތައް ވިއްކުމަށް ރަޖިސްޓްރީކޮށްފައިވާ ފާމަސީތައް މެދުވެރިކޮށްވެސް އިތުރު އަގަކާ ނުލާ މި ބޭސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެެވެ" އެންސްޕާގެ ބަޔާނުގައިވެ އެވެ.