އެވޯޑާ ގުޅިގެން ފަނޑިޔާރުން ނެރުނު ބަޔާނުގައި ކޮށްފައިވާ ތުހުމަތުތައް އެމްއެމްސީން ދޮގުކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިން ނޫސްވެރިކަމުގެ އިނާމާ ގުޅޭގޮތުން އެވޯޑުތަކަށް އިންސާފުކުރި ފަނޑިޔާރުން ނެރުނު ބަޔާނުގައި ކޮށްފައިވާ ތުހުމަތުތައް އެ ކައުންސިލުން ދޮގުކޮށްފި އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްއެމްސީ ޖާނަލިޒަމް އެވޯޑްސް ހަފުލާގައި، އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ދީފައި ވަނީ "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީ އަށެވެ.
އެކަމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު އިނާމަށް އިންސާފުކުރި ފަނޑިޔާރުން ފަހުން ބުނެފައި ވަނީ އެވޯޑު ހަވާލުކުރެވިފައި ވަނީ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ކަމަށެވެ. އެކަން ފާހަގަކޮށް 7 ކަމެއް ހިމެނޭހެން ފަނޑިޔާރުންގެ ފަރާތުން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެމްއެމްސީން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ ބަޔާނެއް ނެރެން ޖެހުނީ ފަނޑިޔާރުން ނެރުނު ބަޔާނުގައި ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަތަކެއް ހިމަނާފައިވާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ބުނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުން އެކަމަށް ކަނޑައަޅާފައިވާ އިދާރީ މުވައްޒަފު އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ އެންމެހާ ތަކެތި ހަމައަށް ހުށަހަޅާފައިވޭތޯ ބެލުމަށް ފަހު އެތަކެތި ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ފޮނުވަނީ އެޕްލިކޭޝަން ހުށަހަޅާފައިވާ ކެޓަގަރީއަކާ ގުޅޭ ފަނޑިޔާރުންގެ ޕެނަލަށް ކަމަށެވެ.
"އެއީ އިނާމުގެ އިންސާފުވެރިކަމާ އިތުބާރު ހިފެހެއްޓުމަށެވެ. އެގޮތުން އިނާމަށް ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއް ކައުންސިލްގެ ރައީސް، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލްގެ މެމްބަރުންނަށް ހިއްސާއެއް ނުކުރާނެ އެވެ،"
އެމްއެމްސީން ވަނީ ފަނޑިޔާރުން ނެރުނު ބަޔާނުގައި ނޫސްވެރިކަމުގެ އިނާމުގެ އިންސާފުވެރިކަމާއި ކައުންސިލްގެ މިނިވަންކަމާ މެދު ކޮށްފައި ވަނީ ހަގީގަތާ ހިލާފު ބޮޑެތި ތުހުމަތުތަކެއްކަން ބަޔާންކޮށް 11 ނުކުތާއެއް ފާހަގަކޮށްފަ އެވެ.
އެގޮތުން ފާހަގަކުރި އެއް ކަމަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާން ދުވަހަކަށްވެފައި ވަނިކޮށް އެމްއެމްސީން ނެރުނު ބަޔާނަކީ ވަކި ނޫހަކުން އާންމުކުރި ވަކި ކޮންޓެންޓަކަށް އަމާޒުކޮށް ނެރުނު ބަޔާނެއް ނޫން ކަމަށެވެ. އެ ބަޔާން ނެރެން ޖެހުނީ އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓުންނަށް އަމާޒުކޮށް ބައެއް މީޑިއާތަކުން ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ކޮންޓެންޓް ޝާއިއުކުރާ ކަމަށް ތުހުމަތުކޮށް ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށެވެ. އަދި އެއީ މައުލޫމާތު ފެތުރުމުގައި ޖުމްލަކޮށް މީޑިއާތަކުން ސަމާލުވުމަށް އިރުޝާދުދީ ނެރުނު ބަޔާނެއް ކަމަށެވެ.
އެމްއެމްސީން ބުނި ގޮތުގައި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ޖާގަ ފަނޑިޔާރުންނަށް ދިނުމަށް ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ ހުށަހެޅުން ޝަރުތު ހަމަ ނުވާ ކަމަށް ކަނޑައެޅުމާއި ހުށަހެޅުމެއް ޑިސްކޮލިފައި ކުރުމުގެ ފުރިހަމަ ބާރު ލިބެގެން ވަނީ ފަނޑިޔާރުންގެ ޕެނަލަށް ކަމުގަ އެވެ. އެގޮތުން އިނާމުގެ އިޖުތިމާއީ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާއަށް ހުށަހަޅާފައިވާ ބައެއް ހުށަހެޅުންތައް އެ ޕެނަލުން ޑިސްކޮލިފައި ކޮށްފައިވާ ކަމުގަ އެވެ.
އިނާމު ދިނުމުގެ ހަފުލާގައި އެވޯޑުތައް ހަވާލުކުރުމާ ހަމައަށް ފަނޑިޔާރުންގެ ފަރާތުން އެއްވެސް ކަންބޮޑުވުމެއް އަދި ޝަކުވާއެއް އެ ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމުގަ އެވެ.
"އަދި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި ފަނޑިޔާރު މުހައްމަދު ސަލީމްގެ ވާހަކަފުޅުގައި ވެސް އެވޯޑުގެ މިނިވަންކަމާއި އިންސާފުވެރިކަމާ ފުރިހަމަކަން ފާހަގަކުރައްވައި އެކަންކަމަށް ތައުރީފް ކުރެއްވި،"
"ސްކީލާން" އާ ގުޅޭގޮތުން ފަނޑިޔާރުން އުފެއްދި ސުވާލުތަކަށް ކައުންސިލުން ޒިންމާދާރުކަމާ އެކު ޖަވާބުދީފައި ނުވާ ކަމަށް ފާހަގަކުރިއިރު، އެ ހުށަހެޅުމާ މެދު އެއްވެސް ސުވާލެއް އުފައްދައި އެ ފަރާތުން އެއްވެސް ކަމެއް ހުށަހަޅާފައި ނުވާ ކަމުގަ އެވެ. ހުށަހެޅުންތަކާ މެދު އެއްވެސް ގޮތެއް ނިންމަން އެމްއެމްސީ އާ މަޝްވަރާކުރަން ނުޖެހޭނެ ކަމަށާއި އެކަން ނިންމުމުގެ ބާރު ހަމައެކަނި ލިބިގެން ވަނީ ފަނޑިޔާރުންނަށް ކަމުގަ އެވެ.
އޭގެ އިތުރުން އޯޑިއޯ/ވީޑިއޯ ކެޓަގަރީން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާގެ ރުބްރިކްގައި ތަހުގީގީ ނަޒަރަކުން އެ އުފެއްދުމަށް އިންސާފުކުރަން ހަނިކޮށްފައިވާ ކަމަށް ފަނޑިޔާރުންގެ ބަޔާނުގައި ބުނިއިރު، އެފަދަ ކަންބޮޑުވުމެއް އެ ފަރާތުން ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމުގަ އެވެ. އޭގެ ބަދަލުގައި އިނާމަށް އިންސާފު ކުރުމަށްފަހު ފަނޑިޔާރުން ކައުންސިލާ ހިއްސާކުރި ފަނޑިޔާރުންގެ ރިޕޯޓުގައި ފާއިތުވި އަހަރު ފަނޑިޔާރުން ދީފައިވާ ލަފަޔާ އެއްގޮތަށް މާކިން ރުބްރިކްސް އިސްލާހުކޮށް ފުރިހަމަކޮށްފައިވާކަން ބަޔާންކޮށްފައިވާ ކަމުގަ އެވެ.
އެމްއެމްސީގެ ބަޔާނުގައި ބުނީ ހުރިހާ ވިސްނުމެއް ގެންގުޅުނީ އިންސާފަށް ބަލައިގެން ކަމަށް ވާތީ، އިނާމުގެ ކަންކަން ބަލަހައްޓަން އޮޑިޓް ފާމެއް ހަމަޖައްސަން ބޭނުންވި ކަމަށެވެ. އެކަން ނުވީ އިނާމުގެ ކަންކަމަށް އެކަށީގެންވާ ބަޖެޓެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް އެކަން ނުވުމުން ކަމަށެވެ.
"ޖީ ސްކީލާން ތަހުގީގީ އުފެއްދުމަށް އެވޯޑް ލިބިފައި ވަނީ ފަނޑިޔާރުންނަށް ނޭނގި ކަމަށް ދޭހަވާ ގޮތަށް ފަނޑިޔާރުން ނެރެފައިވާ ކަމަށް ބުނާ ލިޔުމުގައި ފާހަގަކޮށްފައިވާއިރު، ޖީ ސްކީލާން ތަހުގީގީ ވީޑިއޯ ރިޕޯޓަށް އެވޯޑް ދީފައި ވަނީ އެކަމާ ގުޅޭ ޕެނަލްގައި ހިމެނޭ ހުރިހާ ފަނޑިޔާރުން ސޮއިކޮށް ކައުންސިލަށް ހުށަހެޅި މާކްސް ޝީޓްތަކުން އެވޯޑް ލިބޭ މިންވަރަށް މާކްސް ލިބިފައިވާތީ،"
އިތުރަށް ބުނި ގޮތުގައި އިނާމަށް ހުށަހެޅި ހުރިހާ އުފެއްދުންތައް ފަނޑިޔާރުންގެ ޕެނަލަށް ހުށަހަޅާފައި ނުވާ ކަމަށް އެ ފަރާތުން ބުނާއިރު، އިނާމު ދިނުމުގެ އުސޫލުގައިވާ ގޮތުން ކޮންމެ ހުށަހެޅުމަކީ ފަނޑިޔާރުންނާ ހިއްސާކުރަން ޖެހޭ އެއްޗެއް ނޫން ކަމުގަ އެވެ. ހުށަހެޅުންތައް ފޮނުވަން ޖެހެނީ އެ ހުށަހެޅުމަކާ ގުޅޭ ފަނޑިޔާރުންގެ ޕެނަލަށް ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވާކަން ވެސް އެމްއެމްސީން ވަނީ ފާހަގަކޮށްފަ އެވެ.
ވަރެއްގެ އެވޯޑެއްތާތީ، މީހަމަ އެއްމެފަރުދެއްގެ ރުޅިގަނޑުފަޅައިގެންދިއުންތާ، ކޮންމެގޮތެއްވިއަސް ތިއެވޯޑެއްތިއޮތީދީފަ، އަދި ތިއެވޯޑެއްދޭނީ ތިހުރިހާ ބެލުމެއްބަލާފަތާ، ޚާއްސަކޮށް ފަނޑިޔާރުން އަދިކައުންސިލްތަކުގެ ވެރިފަރާތްކަމަށް ތިކިއާ މީޑިއާއިންވެސް ބައްލަވާފަނޫންބާ! ތިއެވޯޑެއް އެވޯޑުކޮށް އެވޯޑުދޭނީ އެވޯޑުދޭވަރުވާތީތާ!
ހަމަމިހެންހުރެފާ މީހަކު އެވޯޑުދޭށޭކިއާފަ ސިޓީއުރަޔަކަށް އެއްޗެތިތަކެއްލާފަ ހުށައެޅީމަ އެއްވެސްގޮތަކަށް އެސިޓީއރައިގެ އެތެރޭގަވާ އެއްޗެއް ބަލައިނުލާ އެވޯޑުދޭ އުސޫލެއްނޫންތާ އޮންނަނީކީ އަދިދެނީކީވެސް، ތިއެވޯޑަކީ ވަރަށް އަބުއިއެވޯޑަކަށް ވެއްޖެތާ! އެންމެފަހުން ތަނުގެ މަތީމަގާމުތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ހަންދަމާ އަބުރުކަތިލާނިމިއްޖެވިއްޔަ، ރުހިވަޑައިނުގަތަސް މީދެން ބޮޑުވަރު.