މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އެއްކޮށްލަނީ

މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލާ, މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ބިލް ތައާރަފްކޮށްދެއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
އެ ބިލުގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު މީޑިއާ ކައުންސިލް އަދި ބްރޯޑް ކާސްޓިން ކޮމިޝަން އުވާލެވޭނެ ކަމަށާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި އުފައްދާ ކޮމިޝަނުގައި ތިބޭނީ 7 މެންބަރުން ކަމަށެވެ. އޭގެތެރެއިން 4 މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބާކީ 3 މެންބަރުންނަކީ މީޑިއާއިން އިންތިހާބުކުރާ މެންބަރުން ނަމަވެސް އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރުވެސް ލިބިދެނީ ރައީސުލްޖުމްހުރިއްޔާ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި, ތަރައްގީކޮށް, ދެމެހެއްޓުމަކީ އެ ގާނޫނުގެ މަގުސަދެކެވެ.
ބިލުގައި ބުނެފައިވަނީ ކޮމިޝަން އެކުލަވާލާ މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން, ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށެވެ.
ނޫސް މަޖައްލާއެއްގެ ރަޖިސްޓްރީ ބާތިލުކުރާ ހާލަތްތައް:
- ރަޖިސްޓްރީކޮށްފައިވާ ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއުކުރުމަށް އެ ނޫހަކަށް ނުވަތަ އެ މަޖައްލާއަކުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ޝާއިއުކުރުން ހުއްޓާލިތާ 12 މަސް ފާއިތުވެވެފައިވުން
- ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި ކޮމިޝަނަށް ކަމެއް އޮޅުވާލާފައިވާ ކަން ރަޖިސްޓްރީކުރުމަށްފަހު ސާބިތުވުން
އެ ގާނޫނުގައި ބުނާ ގޮތުން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް އޮތް ފަރާތަކުން ސުލޫކީ މިންގަނޑާ ނުވަތަ ލައިސަންސް ދިނުމުގެ ޝަރުތަކާ ހިލާފުވެއްޖެނަމަ:
- އެ ފަރާތަށް އެ ކަމެއް ރަނގަޅުކުރަން އެންގުން
- ދެވޭ އިންޒާރު އާންމުކޮށް ޝާއިއުކުރުން
- ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތުގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެެއް އާންމުކުރުމަށް އެނގުން
- ކުށް އިސްލާހުކޮށް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލަން ޖެހޭ ކަމެއް ކުރުމަށް އެންގުން
- ލައިސަންސް ދިނުމުގެ ޝަރުތަކާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ ވޭތުވެދިޔަ އަހަރު އެ ފަރާތަށް ލިބުނު އާމްދަނީގެ 10 އިންސައްތަ އަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން
- ރަނގަޅުކުުރުމަށް އެނގުމުން ރަނގަޅުނުކޮށްފިނަމަ, އެ ފަރާތެއްގެ ޕްރޮގްރާމްގެ ޝެޑިއުލްގެ ބައެއް ވަގުތީ ގޮތުން މެދުކަނޑާލަން އެނގުން







ކޮމެންޓް