ބިލުގެ ސަބަބުން ސަރުކާރުގެ ނުފޫޒު ވަދެ، މިނިވަން މީޑިއާގެ ވެށި ގެއްލޭނެ: އެމްޖޭއޭ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޮޑްކާސްޓިން ކޮމިޝަން އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ސަބަބުން ސަރުކާރުގެ ނުފޫޒު ވަދެ، މިނިވަން މީޑިއާގެ ވެށި ގެއްލޭނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލިހަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ޖަމިއްޔާއިން ދެކޭ ގޮތުގައި ބިލުގެ ސަބަބުން ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ބޮޑަށް ހުރަސްތައް އެޅޭނެ ކަމަށެވެ.
ބިލާ އެކު މީޑިއާތަކަށް އެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ގެއްލި، ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާ ތެރެއަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަަތަށް ސޮއްސާލައިގެންދާނެ ކަމަށެވެ. އެމްޖޭއޭގެ ބަޔާނުގައި ވަނީ ބިލާ ގުޅޭގޮތުން މިހާތަނަށް އެ ޖަމިއްޔާއަށް ފާހަގަކުރެވުނު މައިގަނޑު ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެގޮތުން ފާހަގަކުރި ބައެއް ކަންކަމަކީ؛
- ކޮމިޝަން ހިންގުމުގެ ހުރިހާ ބާރެއް ރައީސްއަށް ދީފައިވާއިރު، އެ މަގާމާއި ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމެއްގެ ގޮތުގައި އޮތުން
- ބިލުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުުރުމާއި މީޑިއާތަކުގެ ލައިސެންސް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތައް ކުރެވޭނެ ގޮތަށް ބިލު އެކުލަވާލައިވުން
އެމްޖޭއޭއިން ބުނި ގޮތުގައި ކޮމިޝަނުގެ އޮނިގަނޑު އެކުލަވާލަން ހުށަހަޅާފައިވާ ގޮތުން ހަތް މެމްބަރުންގެ ތެރެއިން އަގުލަބިއްޔަތު މެމްބަރުން ކަމަށްވާ ހަތަރު މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ނަން ފޮނުވައިގެން އައްޔަންކުރާ މެމްބަރުން ކަމުގަ އެވެ. މީޑިއާތަކަށް އަމިއްލައަށް އިންތިހާބު ކުރެވެނީ ތިން މެމްބަރުން ކަމުގަ އެވެ.
"މިކަމުގެ ސަބަބުން މީޑިއާ ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ ނުފޫޒު ވަދެ މީޑިއާތަކާއި ނޫސްވެރިންނަށް އޮތް މިނިވަން ކަމަށް ސަރުކާރުގެ ބާރާއި ނުފޫޒުތައް ވަދެ މިހާރު މި އޮތް މިންވަރަށް ވެސް މިނިވަން މީޑިއާގެ ވެށި ގެއްލިގެންދާނެ،" އެމްޖޭއޭއިން ނެރުނު ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާއިން އަބަދުވެސް ގަބޫލުކުރާ ހަމައަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހްތިޔާރު އޮންނަން ވާނީ އަމިއްލައަށް އެކަން ކުރާ ގޮތަށް ބުރަވާ ގޮތަށް ކަމަށް އެމްޖޭއޭއިން ބުނެ އެވެ.
އަދި ބުނީ މީޑިއާގެ މައިގަނޑު އެއް މަސައްކަތަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އަދި ބާރުވެރިންގެ އަތްމައްޗަށް ފާރަވެރިވެ އެ މީހުން ޒިންމާދާރު ކުރުވުން ކަމަށެވެ. އެހެންކަމުން ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއްކަން ވެސް އެމްޖޭއޭގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.