ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔެއިން ރާއްޖޭގެ ސިޔާސަތުތައް ބަލައިގެންފި ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ސަރުކާރާއި ހަވާލުވީއިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ދަރަނީގެ މައްސަލަ ކަމަށެވެ.
ނަމަވެސް، ހާރިޖީ ސިޔާސަތުތަކުގެ ތެރެއިން ދަރަނި ދައްކަން ހުރި ގައުމުތަކާއެކު ގުޅުން ބަދަހިކުރެވި، ބޮޑeތި ލުއިތަކެއް ލިބިގެން ދިޔަކަން ފާހަގަކުރެއްވި އެވެ.
"މި ކާމިޔާބީތައް މި ލިބެނީ އަޅުގަނޑުމެން ބައްޓަން ކުރަމުންދާ ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން. ދުނިޔެ ގަބޫލު ކޮށްފި އަޅުގަނޑުމެން ރައީސްގެ ސިޔާސަތުތައް. އެއީ އަޅުގަނޑުމެންނަށް ލިބެމުންދާ އެންމެ ބޮޑު ކާމިޔާބީ. އޭގެ ހުރިހާ ކަމެއް ރައްޔިތުންނަށް މަންފާ ކުރާނީ،" ނައިބް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާޏު ވިދާޅުވީ، ރާއްޖޭގެ ބޭރުގެ ފޯރަމްތަކުން ފަންނީ ބޭފުޅުންނާއި ދިމާވާއިރު އަބަދުވެސް ދައްކަމުން ދިޔައީ ރާއްޖެއާއި ނުބައްދަލު ސަބްސިޑީސްގެ ވާހަކަ ކަމަށެވެ. އަދި އެކަންކަން އިސްލާހު ކުރުމަށް ވޯލްޑް ބޭންކުންނާއި އެހެނިހެން ފަރާތްތަކުން ލަފާ ދެއްވަމުން ދިޔަ ކަމަށާއި، މި ސަރުކާރުން ކުރިއަށްދަނީ އެ ލަފަޔާއެކު ކަމަށް ވިދާޅުވި އެވެ.
ސަރުކާރަށް އަހަރެއް ވީއިރު، ރަސްމީ މަސައްކަތްތަކުގައި ބޭރުގެ އެތައް ބައްދަލުވުމަކަށް ވަޑައިގެންނެވިކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ، ބޭރު ގައުމުތަކުގެ ވެރިން ރާއްޖެއަށް އިހްތިރާމް ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާގޮތް އެ ބޭފުޅުންނަށް ކަމުގޮސް އެވާހަކަ ދައްކާކަން ވެސް ފާހަގަ ކުރެއްވި އެވެ.
"ފާހަގަކުރެވޭ އެ ބޭފުޅުން އަޅުގަނޑުމެންނަށް މިއަދު ކުރާ އިހުތިރާމް. އަޅުގަނޑުމެނާ ދޭތެރޭ ދެކޭގޮތް. އެއީ އެންމެން ވެސް ގަބޫލު ކުރަނީ އެބޭފުޅުންގެ ހިތޭ ރާއްޖެ މީ. އެހާ ވެސް ލޯބިވާ ގައުމެކޭ މިއީ،" އެހެން ގައުމުތަކުގެ ވެރިން ރާއްޖެ ސިފަކޮށްދެއްވާ ގޮތް ފާހަގަކުރައްވާ ވިދާޅުވި އެވެ.
އަރަބި ގައުމުތަކާއި، އަވައްޓެރި ގައުމުތަކުން ވެސް ފަންނީ ގޮތުންނާއި އެކި ގޮތް ގޮތުން އެހީތެރިކަން ލިބެމުންދާ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ. ހުރިހާ ގައުމަކާވެސް ގާތް ގުޅުމެއް އުފެދެމުންދާކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ، އަދި މިހާތަނަށް އެއްވެސް ކަމަކަށް އެދުމުން، އެއްވެސް ގައުމަކުން ނޫނެކޭ ބުނެފައި ނުވާ ކަމަށެވެ.
މި ސަރުކާރުން މަސައްކަތް ކުރަނީ ގައުމުގެ މިނިވަންކަން ކަށަވަރުކޮށް، އިޖްތިމާއީ މިނިވަންކަމާއި އިގްތިސާދީ ގޮތުން ރައްޔިތުން ބޭނުންވާ ފުދުންތެރިކަން ހޯދައިދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.