ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިމެދު ފަރުވާ ކުޑަކުރަންވީ ސަބަބެއް ނޫން: ޑރ. ނަޒްލާ

ފެތުރެމުން އަންނަ ކޮވިޑް-19 އަށް ފައްސިވާ ކޭސްތައް ފެންނަ މިންވަރު މިހާރު ކޮންމެވެސް ވަރަކަށް މަދުވުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި މެދު ފަރުވާކުޑަ ކުރަންވީ ސަބަބެއް ނޫންކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
އެ ސެންޓަރުގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އެއްވުންތައް ބޭއްވޭނެ ހާލަތަކަށް އަދި ސިއްޙީ ގޮތުން ރާއްޖޭގެ ހާލަތު ނުދާ ކަމަށެވެ.
"އަދިވެސް ހަމަ އަޅުގަނޑުމެން ތެރޭގައި ބަލި އެބައުޅޭ، ބަލި ފެތުރޭ މިންވަރުވެސް އަދި ހުރީ މަތީގައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ޑރ. ނަޒްލާ ވަނީ އެދިލައްވާފައެވެ. އަދި ޕާޓީތަކާއި އާއިލީ އެއްވުންތަކުގެ އިތުރުން އިތުރު އެއްވުންތައް ވެސް ބާއްވާ ހާލަތަށް އަދި ރާއްޖެ ނުދާ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވެފައިވާއިރު، ޒުވާނުންތަކެއް އިސްނަގައިގެން އިއްޔެ ހަވީރު ވަނީ މާލޭގައި ސައިކަލު ބުރެއް ބާއްވަން މަސައްކަތް ކޮށްފައެވެ.